ޑިޖިޓަލް މީޑިއާގައި ފެތުރޭ ދޮގު މައުލޫމާތު ދެނެގަނެ، އެކަންކަން ހުއްޓުވުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މަސައްކަތްކުރާނެ ޒަމާނީ ނިޒާމެއް ޔޫއޭއީގެ އިންޓަނޭޝަނަލް ސެންޓަރ ފޯ ކޮމްބެޓިންގ މީޑިއާ ޑިސްއިންފޮމޭޝަން (އައިސީސީއެމްޑީ) އިން ތަރައްގީކުރަން ފަށައިފިއެވެ.
މި ނިޒާމު ތަރައްގީކުރަން ފެށިކަން އިއުލާންކޮށްފައިވަނީ، އައިސީސީއެމްޑީގެ ބޯޑުން ބޭއްވި ފުރަތަމަ ބައްދަލުވުމުގައެވެ. ގަލްފް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ވަނީ މީޑިއާގެ ތެދުވެރިކަން ކަށަވަރުކުރުމަށާއި ދޮގު މައުލޫމާތާ ދެކޮޅަށް މަސައްކަތްކުރުމަށް ބައިނަލްއަގުވާމީ ޗާޓަރެއް ވެސް ތައާރަފުކޮށްފައެވެ.
އައިސީސީއެމްޑީގެ ސެކްރެޓަރީ ޖެނެރަލް ސުލްތާން އަލް ހުސްނީ ވިދާޅުވި ގޮތުގައި، އަލަށް ތަރައްގީކުރާ ނިޒާމުން ޑިޖިޓަލް މައުލޫމާތު މޮނިޓަކޮށް، މުހިންމު ބަސްތަކާއި މައުޟޫއުތަކުގެ އިތުރުން މީޑިއާގެ ނެރޭޓިވްތައް އެނަލައިޒްކުރާނެއެވެ. މީގެ އިތުރުން، މައުލޫމާތު ފެތުރެމުންދާ ގޮތް ދެނެގަނެ، އަލަށް އުފެދޭ ޓްރެންޑުތައް ހޯދާނެއެވެ. އޭއައި އާއި އިންސާނީ ތަޖުރިބާ ގުޅުވައިލައިގެން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް އަވަސްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަލަށް ތައާރަފުކުރި ބައިނަލްއަގުވާމީ ޗާޓަރާ ގުޅޭގޮތުން އައިސީސީއެމްޑީގެ ޗެއާމަން އީސާ އަލް ޝައިޖީ ވިދާޅުވީ، މީގެ ބޭނުމަކީ މީޑިއާތަކާއި، ތައުލީމީ އަދި ދިރާސާކުރާ މުއައްސަސާތައް ގުޅިގެން ބައިނަލްއަގުވާމީ ވިއުގައެއް ގާއިމުކުރުން ކަމަށެވެ. މި ވިއުގައިގެ ދަށުން މީޑިއާގެ ތެދުވެރިކަމާއި، މައުލޫމާތު ކަށަވަރުކުރުމާއި، އަދި ފަންނީ ޒިންމާދާރުކަމާ ގުޅޭ އާންމު އުސޫލުތަކަކަށް އަމަލުކުރާނެއެވެ. ދޮގު މައުލޫމާތާ ދެކޮޅަށް މަސައްކަތްކުރެވޭނީ ގައުމުތައް ގުޅިގެން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އައިސީސީއެމްޑީގެ ވައިސް ޗެއާ ފަޟީލާ އަލް މުއައިނީ ވިދާޅުވި ގޮތުގައި، ދޮގު މައުލޫމާތާ ދެކޮޅަށް މަސައްކަތްކުރުމަކީ މިހާރު ހަމައެކަނި މީޑިއާތަކުގެ ޒިންމާއެއް ނޫނެވެ. އޭނާ ވިދާޅުވީ އިތުބާރު ހުރި މީޑިއާތަކަކީ ދޮގު މައުލޫމާތާ ދެކޮޅަށް އޮތް އެންމެ ފުރަތަމަ ދިފާއު ކަމަށެވެ. އަދި ގަލްފުގެ ގައުމުތަކުގެ މީޑިއާ ތަޖުރިބާގެ އަލީގައި، އިތުބާރު ހުރި ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް އެހީތެރިވެދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭއައި
އޭއައި
އޭއައި
އޭއައި
ކޮމެންޓް