ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ދައުލަތްތަކަކީ (ސިޑްސް) ހަމައެކަނި މޫސުމީ ބަދަލުތަކުގެ ނުރައްކާ އޮތް ގައުމުތަކެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ އީޖާދީ ފިކުރާއި ވިޔަފާރީގެ ކުރިއެރުން އުފަންކުރާ މަރުކަޒެއްގެ ގޮތުގައި ބަލައިގަންނަންޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް (އައިއައިއެފް)" ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނާޒުކުކަމަކީ ޖަޒީރާ ދައުލަތްތަކުގެ ހަގީގަތުގެ އެއް ފަޅި ކަމަށާއި، އަނެއް ފަޅިއަކީ އެ ގައުމުތަކުގެ ސާބިތުކަން ކަމަށެވެ. އަދި ޖަޒީރާ ގައުމުތަކުން ވަނީ ހުރަސްތައް އީޖާދީ ފުރުސަތުތަކަށް ބަދަލުކޮށް، ދުރުމިނަކީ ގުޅުންތަކުގެ ބާރަކަށް ހަދައި، ގޮންޖެހުންތަކުން އާ ފުރުސަތުތައް ފަހިކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ސާބިތުކަން އެންމެ ބޮޑަށް ފެންނަނީ އަމިއްލަ ފަންތީގެ ވިޔަފާރިތަކުން ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ޖަޒީރާ އިގްތިސޯދުތަކުގެ މައި އިންޖީނު ކަމަށެވެ.
އަދި ސަރުކާރުތަކަށް އެކަނި ހައްލުކުރަން ދަތިވާ ކަންކަމުގައި އެ ވިޔަފާރިތަކުން އަމަލީ ހައްލުތައް ހޯދައިދޭކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޖަޒީރާ ދައުލަތްތަކުގެ ކުޑަކަމަކީ އީޖާދީ އާ ވިސްނުންތަކާއި ޓެކްނޮލޮޖީ އަދި ހައްލުތައް ތަޖުރިބާކޮށް ކުރިއަރުވާ މަރުކަޒުތަކަކަށް ވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.
ޑިޖިޓަލް ވަސީލަތްތަކުން ގުޅާލުމަކީ ހަމައެކަނި މުއާސަލާތީކަމެއް ނޫން ކަމަށާއި، އެއީ ވިޔަފާރިއާއި، މާލީ ހިދުމަތްތަކާއި، ފަތުރުވެރިކަމުގެ އިތުރުން އުފެއްދުންތެރި ސިނާއަތްތަކަށް މަގުފަހިކޮށްދޭ އިގްތިސޯދީ އިންފްރާސްޓްރަކްޗަރެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތައް ވަކިވެފައި އޮތުމާއި އާބާދީ ކުޑަވުމުގެ ސަބަބުން ކުރިމަތިވާ ހުރަސްތަކުން އަރައިގަތުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުންކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
އަލަށް ވިޔަފާރި ފަށާ ފަރާތްތަކާއި ޒުވާން ވިޔަފާރިވެރިންނަށް، ހާއްސަކޮށް އަންހެނުން ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ދޫކުރާ މާލީ އެހީތެރިކަމާ ގުޅޭގޮތުން ރައީސް ވާހަކަފުޅު ދެއްކެވިއެވެ.
މީގެ އިތުރުން، ޒަމާނީ ފޮރިން އިންވެސްޓްމަންޓް ގާނޫނާއި، 2027 ވަނަ އަހަރަށް ރޭވިފައިވާ "ޓްރޭޑް އެކްސެލެރޭޝަން ޒޯން" އަދި ލޮޖިސްޓިކްސް އާއި އޮޔާދާ ސޯލާ ހަކަތައިގެ ދާއިރާއިން ކުރާ އިސްތިރާޖީ އިންވެސްޓްމަންޓްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް