މޯލްޑިވިއަނުން އަލަށް ގެންނަ ސީޕްލޭން ބޯޓުތަކާއެކު ރޭގަނޑު ދަތުރުކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވެއްޖެއެވެ.

މިމަހުގެ 11 ވަނަ ދުވަހު މޯލްޑިވިއަނުން ވަނީ ކެނެޑާގެ ކުންފުންޏަކާ އެކު ދެ ސީޕްލޭން ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ ޑީއެޗްސީ-6 ޓްވިން އޮޓާ ކްލަސިކް 300-ޖީ މަރުކާގެ ދެ ބޯޓެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އަލީ ސަލީމް ވިދާޅުވީ، މި ބޯޓުތަކަކީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަމާނީ އެއާކްރާފްޓް ތަކެއް ކަމަށެވެ. މި ބޯޓުތަކާ އެކު ސީޕްލޭން ދަތުރުތައް ރޭގަނޑު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ރާއްޖޭގައި ސީޕްލޭން އޮޕަރޭޝަންގައި މި ގެންގުޅޭ ބޯޓުތަކުގައި ރޭގަނޑު ދަތުރުކުރެވޭ އިކުއިޕްމަންޓްސް އާއި އެއްޗެހިއެއް ނުހުންނާނެ. އެކަމަކު އަޅުގަނޑުމެން މިހާރު މި އޯޑާދިން އެއާކްރާފްޓް ތަކުގައި ރޭގަނޑުވެސް ދަތުރުކުރުމުގެ ފުރުސަތު އޮންނާނެ. އަދި ސީޕްލޭންއެއްގެ ގޮތުގައިވެސް ދަތުރުކުރުމުގެ ފުރުސަތު އޮވެފައި އޭގެ އިތުރަށް އަޅުގަނޑުމެންނަށް ބޭނުން ކުރެވޭނެ ވީލްބޭސްގައިވެސް،" ސަލީމް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ސީޕްލޭން ފްލީޓްގައި މިވަގުތު 11 ބޯޓު އެބައޮތެވެ. މޯލްޑިވިއަނުން މިހާރު ރާއްޖޭގެ ރިސޯޓްތަކުގެ އިތުރުން ބައެއް ރަށްތަކަށްވެސް ދަނީ ސީޕްލޭންގެ ހިދުމަތް ދެމުންނެވެ.