ފެން ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، އަންނަ އަހަރުގެ ޕީކް ސީޒަނަށް މާލޭގައި 20،000 ލީޓަރުގެ ތާންގިއެއް ބަހައްޓަން ނިންމާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްހޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ފަހުމީ ވަނީ އެމްޑަބްލިޔުއެސްސީގެ މަސައްކަތްތަކާއި އަދި އެ ކުންފުނިން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ.
އެ ޕްރޮގްރާމްގައި ފަހުމީ ވިދާޅުވީ 20،000 ލީޓަރުގެ ފެން ރައްކާކުރާ ތާންގީ ވެގެންދާނީ ރާއްޖޭގައި ބަހައްޓާ އެންމެ އުސް އެއް ތާންގިއަށް ކަމަށެވެ. އެއީ ކުރީގެ 30 އަހަރުވީ ބޯފެން ރައްކާ ކުރާ ތާންގީ ހުންނަ ތަނުގައި ބަހައްޓަން ނިންމާފައިވާ ތާންގިއެއް ކަމަށެވެ.
"ގާތްގަނޑަކަށް 7 ބުރި ނުވަތަ 10 ބުރި އުސްމިނުގައި ބެހެއްޓޭ ވަރަށް ބޮޑު ތާންގިއެއް މި ތާންގިއަކީ. ފައުންޑޭޝަން ފޭސްތައް ވަރަށް ހަރަދު ބޮޑު ޕްރޮޖެކްޓެއް، ފައުންޑޭޝަން ދެ ޓޭންކުގެވެސް ފައުންޑޭޝަން ނިމިފައި. ދެ ޓޭންކަށް އޯޑާވެސް ކުރެވި، އެއް ޓޭންކު އަންނަ ޖެނުއަރީ ނުވަތަ ފެބްރުއަރީއަށް އަންނާނެ. ޓާގެޓަކީ އަންނަ އަހަރުގެ ޕީކަށް، ސެޕްޓެމްބަރު، އޮކްޓޯބަރަށް އެއް ތާންގީ ނިންމުން، އެއީ 20،000 ލީޓަރުގެ ތާންގިއެއް. ވަރަށް ބޮޑު، ވަރަށް ބިޔަ ތާންގިއެއް، ވަރަށް އުސްވާނެ. މި ޕްރޮޖެކްޓް ނިމުނީމަ މިހާރު މާލޭގައި ހުރި ވަރަށް ގިނަ ދަތިތަކަށް ހައްލު ލިބިގެން ދާނެ،" ފަހުމި ވިދާޅުވިއެވެ.
އެ މަޝްރޫއާ ގުޅޭގޮތުން ފަހުމީ އިތުރަށް ވިދާޅުވީ މިހާރު ހުރި ސްޓޯރޭޖަކީ ގާތްގަނޑަކަށް 10،000 އަކަފޫޓު ކަމަށާއި، 20،000 ލީޓަރުގެ ތާންގީ ބެހެއްޓުމުގެ ފުރަތަމަ ފިޔަވަހީގެ މަޝްރޫއު ނިމޭނީ ސެޕްޓެމްބަރު، އޮކްޓޯބަރު ހިސާބަށް ކަމަށެވެ.
ބާކީ އަނެއް ތާންގި ނިމޭނެ ކަމަށް ލަފާކުރެވެނީ 2028 ގެ ޖޫންގެ ކުރިން ކަމަށާއި ތާންގިތަކާއެކު މާލޭގެ ފެން އުފައްދާ މެޝިންތައް ހިންގާ ވަގުތުވެސް ކުޑަކުރެވޭނެ ކަމަށެވެ. އަދި އެ ކުންފުނިން ކުރަންޖެހޭ ހަރަދު ކުޑަވެ، ލިބޭ ފައިދާ އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގެ ފެނުގެ ހިދުމަތް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޑަބްލިޔުއެސްސީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި 10,000 ޓަނުގެ ފެން ރައްކާކުރެވޭ ތާންގީއެއްގެ އަމަލީ މަސައްކަތް ނިންމައި، 2025 ގެ އޮގަސްޓް 17 ގައި ވަނީ ތާންގީ ބޭނުންކުރަން ފަށައިފައެވެ.
އޭގެ ފަހުން މި އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު އެމްޑަބްލިޔުއެސްސީން ބުނެފައިވަނީ މާލޭގައި ފެން ރައްކާކުރާނެ ގާބިލުކަން އިތުރުކުރުމަށް 13000 ޓަނުގެ ފެން ރައްކާކުރެވޭ ދެ ތާންގީ ބެހެއްޓުމަށް ބޭނުންވާ ސާމާނު ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ.
ފާތިމަތު ލިއުޝާ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
ކޮމެންޓް