ސެމްސަންގުން މި މަހު 27 ވަނަ ދުވަހު އާ “ގެލެކްސީ އިވެންޓް”އެއް ބާއްވަން ނިންމައި، އެކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. ސެމްސަންގުގެ ވެބްސައިޓާއި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރާ މި އިވެންޓުގައި ދައްކާނީ ގެލެކްސީ އެސް26 އާއިލާއަށް އަލަށް އިތުރުކުރާ ފޯނެއް ކަމަށް އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ.
ސެމްސަންގުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނި ގޮތުގައި، އަލަށް ނެރޭ ފޯނަކީ ކެމެރާއިން ފެށިގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ހަމަޔަށް ގެލެކްސީ އެސް26 ގެ މުހިންމު ތަޖުރިބާތަކާއި އެންމެ ފަހުގެ “ވަން ޔޫއައި” ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ފޯނެކެވެ. ނަމަވެސް، މި ފޯނުގެ ނަމާއި އިތުރު ތަފުސީލުތައް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ރަސްމީކޮށް ފޯނުގެ ނަން އިއުލާންކޮށްފައި ނުވި ނަމަވެސް، ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ ގެލެކްސީ އެސް26 އެފްއީ (ފޭން އެޑިޝަން) ކަމަށް ބެލެވެއެވެ. ލީކުވެފައިވާ މައުލޫމާތުތަކާ ހަވާލާދީ އެންގޭޖެޓް އަދި ޕީސީމެގް ފަދަ ނޫސްތަކުން ބުނާ ގޮތުގައި، މި ފޯނުގައި 6.7 އިންޗީގެ އެމޯލެޑް ޑިސްޕްލޭއަކާއި، 50 މެގަޕިކްސެލްގެ މައި ކެމެރާއެއްގެ އިތުރުން 4،900 އެމްއޭއެޗްގެ ބެޓެރީއެއް ހިމެނޭނެއެވެ.
މިއީ ކުރީގެ ފޭން އެޑިޝަންތަކެކޭ އެއްފަދައިން، ފްލެގްޝިޕް ފޯނުތަކަށް ވުރެ އަގުހެޔޮކޮށް ނެރޭނެ މޮޑެލެއް ކަމަށް ވެސް މީޑިއާތަކުން ލަފާކުރެއެވެ.
މީގެ ކުރިން ސެމްސަންގުން ގެލެކްސީ އެސް25 އެފްއީ ނެރެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. އެހެންކަމުން މިއަހަރުގެ ފޭން އެޑިޝަން ފޯނު މި ނެރެނީ އާންމުކޮށް ނެރޭ ދުވަސްވަރަށް ވުރެ ކުރިންނެވެ. މި އިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑު ކޮރެއާ ގަޑިން 9:00 ގައެވެ.
ސެމްސަންގް
ސެމްސަންގް
ސެމްސަންގް
ސެމްސަންގް
ކޮމެންޓް