މެޓާ ކުންފުނީގެ ސީއީއޯ މާކް ޒަކަބާގް އާއި އޭނާގެ އަންހެނުން ޕްރިސިލާ ޗޭން، އަޔަލޭންޑުގެ އިރުދެކުނުގައި އޮންނަ 19 ވަނަ ގަރުނުގެ ތާރީހީ ގަނޑުވަރެއް ގަނެފިއެވެ.

“ސްޓްރެންކެލީ ކޭސަލް” ގެ ނަމުން ނަންދީފައިވާ މި ގަނޑުވަރަކީ 1830 ވަނަ އަހަރު ބިނާކޮށްފައިވާ ތަނެކެވެ.

ކައުންޓީ ވޯޓަފޯޑްގައި އޮންނަ 440 އޭކަރުގެ މި ބިމަކީ މެޓާގެ ޔޫރަޕްގެ މައި އޮފީހާ 200 ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ. މި ގަނޑުވަރު ގަނެފައިވަނީ ކިހާ ވަރަކަށް ކަން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، އަޔަލޭންޑުގެ ނޫހެއް ކަމަށްވާ ދަ އައިރިޝް ޓައިމްސްއިން ލަފާކުރާ ގޮތުގައި މި ތަނުގެ އަގު 20 މިލިއަނާއި 30 މިލިއަން ޔޫރޯއާ ދެމެދުގެ އަދަދަކަށް އަރާނެއެވެ.

ޒަކަބާގްގެ ތަރުޖަމާނަކު ބުރާސްފަތި ދުވަހު ވަނީ މި މުއާމަލާތް ހިނގާފައިވާކަން ކަށަވަރުކޮށްދީފައެވެ. ތަރުޖަމާނު ބުނި ގޮތުގައި، މި ތާރީހީ ގަނޑުވަރު ބެލެހެއްޓުމާ ހަވާލުވުމަކީ ޒަކަބާގްގެ އާއިލާއަށް ލިބުނު އުފަލެކެވެ. އަދި މެޓާގެ ބައިނަލްއަގުވާމީ މައި އޮފީސް ހުންނަ އަޔަލޭންޑުގައި ވަގުތު ހޭދަކުރުމަށް އާއިލާއިން އިންތިޒާރުކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ގަނޑުވަރު ގަތް ނަމަވެސް، ޒަކަބާގްގެ އާއިލާ ދިރިއުޅެމުން ގެންދާނީ އެމެރިކާގައެވެ. މި ގަނޑުވަރު ބޭނުންކުރާނީ އަޔަލޭންޑަށް ކުރާ ދަތުރުތަކުގައެވެ. މެޓާ ކުންފުނިން އަޔަލޭންޑުގައި 1،500 އެއްހާ މީހުންނަށް ވަޒީފާ ދީފައިވާއިރު، އެ ކުންފުނީގެ ޔޫރަޕްގެ މައި އޮފީސް 2009 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަނީ އެ ގައުމުގެ ވެރިރަށް ޑަބްލިންގައެވެ.