ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރެއްގެ ގޮތުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސާ އަދި މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝިއުރީ ހޮވިވަޑައިގެންފިއެވެ.
ވިޒިޓް މޯލްޑިވްސްއިން މިރޭ ބުނީ މިއީ ސަރަހައްދީ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ބައިވެރިވުން އިތުރަށް ވަރުގަދަކުރުމަށް ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ ފުންނާބުއުސް ޖަމިއްޔާއެއް ކަމަށްވާ ޕާޓާގެ ބޯޑުގައި ހިމެނިވަޑައިގެން، އެ ޖަމިއްޔާގެ މުހިންމު ސިޔާސަތުތަކާއި ޕްލޭންތައް އެކުލަވާލުމުގައި ޝިއުރީ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައިކަމަަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ. އެގްޒެކެޓިވް ބޯޑުން ލިބިވަޑައިގެންނެވި މި ފުރުސަތާއެކު، އޭޝިއާ-ޕެސިފިކް ސަރަހައްދުގައި ފަތުރުވެރި މަންޒިލްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ޑިޖިޓަލް ޓެކްނޮލޮޖީ އަދި އާ އީޖާދުތައް ތައާރަފުކުރުމުގެ އިތުރުން، މި ދާއިރާއިން ޒުވާން ލީޑަރުން ބިނާކުރުމަށް ޝިއުރީ އިސްނަންގަވައިގެން މަސައްކަތް ކުރައްވާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.
މި ކާމިޔާބީގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ކުންފުނިތަކާއި، ސަރަހައްދީ ސަރުކާރުތަކާއި، ފަތުރުވެރިކަމުގެ އިދާރާތަކާ ދެމެދު އޮންނަ ގުޅުންއާ ހަރުފަތަކަށް ގެންދެވޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ. އަދި ރާއްޖެ އިޝްތިހާރުކުރުމަށް ގުޅިގެން ހިންގާ މާކެޓިން ހަރަކާތްތަކާއި މާކެޓް އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމަށް މަގުފަހިވެ، މުޅި ސަރަހައްދުގެ ފަތުރުވެރިކަމުގެ ކުރިމަގު ބައްޓަންކުރުމުގައި ރާއްޖޭގެ ދައުރު ބޮޑުވެގެންދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.
މީގެއިތުރުން، ދުނިޔޭގެ ފަތުރުވެރިންގެ ދަތުރުފަތުރުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއި މާކެޓުގެ އާ ފުރުސަތުތައް ދުރާލާ ދެނެގަނެ، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތައް އިތުރަށް ފުޅާކުރުމުގެ ފުރުސަތުވެސް މި ބޯޑު މެންބަރުކަމުގެ ސަބަބުން ތަނަވަސްވެގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.
މުހައްމަދު އިޝާން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ކޮމެންޓް