މާލެ ސަރަހައްދުގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެ މަސައްކަތަށް ބޭނުންވާ ވެހިކަލްތައް ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތަށް ހޯދުމަށް ހަމަޖެހިފައިވަނީ ފޯކްލިފްޓަކާއި ޕަވާގޭޓް ޕިކަޕެއް ކަމަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައިކަމަށް ފުލުހުން ބުންޏެވެ.
އެ ބީލަމުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 43،160 ރުފިޔާ ދައްކަންޖެހޭނެ ކަމަށާއި، ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، ފޯމު ފުރިހަމަކުރުމަށްފަހު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އީމެއިލް ކުރަންޖެހޭނެކަމަށް ފުލުހުން ބުންޏެވެ.
އަދި ރަޖިސްޓްރީވިކަން ޔަގީންވާނީ އެކަމުގެ ރަޖިސްޓްރޭޝަން ނަންބަރު ލިބުމުން ކަމަށާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައިނުގަންނާނެކަމަށް ފުލުހުން ބުންޏެވެ.
އެ ޕްރޮޖެކްޓުގެ މައުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް ބައްދަލުވުން މި މަހުގެ 30 ވަނަ ދުވަހުގެ 14:30 ގައި އޮންނައިރު، ބީލަންތައް ހުޅުވުން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އިސްކަންދަރު ކޮށީގައިކަމަށް ފުލުހުން ބުންޏެވެ.
ބީލަމާ ގުޅޭ ޝަރުތުތަކަށް ބަލާއިރު، އަގު ހުށަހަޅާ ކޯޓޭޝަނާއި، ކުންފުނީގެ ޕްރޮފައިލް، ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ އަދި ބިޑް ސެކިއުރިޓީގެ އަސްލު ފަދަ ލިޔެކިޔުންތައް ފުރިހަމަނުވާ ނަމަ، ބިޑު ބާތިލުވާނެކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން، ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި އެއްވެސް ކޯޓަކުން ޝަރުއީ މައްސަލައެއް ސާބިތުވެފައިވާ ނުވަތަ މިހާރުވެސް މައްސަލައެއް ހިނގަމުންދާ ފަރާތްތަކަށް ބިޑް އެވޯޑުނުކުރުމުގެ ފުރިހަމަ އިހުތިޔާރު ފުލުހުންނަށް އޮންނާނެކަމަށްވެސް ފުލުހުން ބުންޏެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް