ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ސައިފް އަލީ ހާން އަދި ކިއާރާ އަދުވާނީ އެކުގައި ފުރަތަމަ ފަހަރަށް ފިލްމެއް ކުޅެން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ތަރިން ފެނިގެންދާނީ ކާމިޔާބު ސްކްރީން ރައިޓަރު ކަނިކާ ދިލަން ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމުންނެވެ.

ފަރްހާން އަހްތަރުގެ އެކްސެލް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމަކީ ސުޕަނެޗުރަލް ތްރިލާއެއް ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ޕިންކްވިލާއަށް މައުލޫމާތު ދިން ފަރާތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، މިހާރު ކުރިއަށްދަނީ ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތެވެ. ސްކްރިޕްޓް ތައްޔާރުކުރަނީ ސައިފް އަދި ކިއާރާއާ ގުޅޭ ގޮތަށް ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ. މީގެ އިތުރުން، މި ޕްރޮޖެކްޓާއެކު ސައިފް އަދި ފަރްހާން އަހްތަރު 25 އަހަރަށްފަހު އެކުގައި މަސައްކަތްކުރާނެއެވެ. އެންމެ ފަހުން މި ދެމީހުން އެކުގައި މަސައްކަތްކޮށްފައިވަނީ 'ދިލް ޗާހްތާ ހޭ' ގައެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން އެކްސެލް އެންޓަޓެއިންމަންޓުން ނުވަތަ ފިލްމުގެ ތަރިންގެ ފަރާތުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އަމާޒު ހިފާފައިވަނީ މިއަހަރުގެ ފަހުކޮޅު ފިލްމުގެ ޝޫޓިން ފެށުމަށެވެ.

ކަނިކާ ދިލަން އަކީ 'މަންމަރްޒިޔާން'، 'ކޭދަރްނާތު'، އަދި 'ހަސީން ދިލްރުބާ' ފަދަ ކާމިޔާބު ފިލްމުތަކުގެ ސްކްރިޕްޓް ލިޔެފައިވާ ފަރާތެކެވެ. މިއީ އޭނާ ޑައިރެކްޝަނަށް ނުކުންނަ ފުރަތަމަ ފަހަރު ކަމަށްވާއިރު، ސައިފް އަދި ކިއާރާ އެކުގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފަހަރަށް ވުމަކީ ގިނަ ބައެއްގެ ސަމާލުކަން މި ޕްރޮޖެކްޓަށް ލިބިފައިވާ ސަބަބެއް ކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ.