ރައްޔިތުންގެ މަޖިލީހުގެ، މިހިނގާ މިއަހަރުގެ ދެވަނަ ދައުރު މި އޯގަސްޓް މަހުގެ 27 އަށް ދަންމާލަން މިއަދު ވޯޓަށް އައްސަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް ތަޅުމުގައި ނިންމަންޖެހޭ މުހިއްމު މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން ދައުރު ދަންމާލަން ވޯޓަށް އައްސަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިއީ މަޖިލީހުގެ މި ދައުރު ދަންމާލަން މަޖިލީހުން ފާސްކުރާ ދެވަނަ ފަހަރެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލީހުގެ ދެވަނަ ދައުރު ކުރިއަށްދާނީ، ޖޫން މަހުގެ އެކަކުން ފެށިގެން މި ހިނގާ އޯގަސްޓް ކަމުގެ 15 ގެ ނިޔަަލަށެވެ.
ނަމަވެސް މުހިއްމު މަސައްކަތްތަކެއް މަޖިލީހުގައި ހުރުމުން އެކަންކަން ނިންމުމަށްޓަކައި އެ މުއްދަތު މިމަހު 20 އަށް ދަންމާލަން މިމަހުގެ 12 ވަނަ ދުވަހު މަޖިލީހުން ވަނީ ފާސްކޮސްފައެވެ.
އެދުވަހުގެ ޖަލްސާގައި ނެގި ވޯޓުގައި، ދައުރު ދަންމާލަން ފާސްކުރީ، ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 58 މެންބަރުގެ އަގުލަބިއްޔަތުންނެެވެ.
ގާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އަހަރެއްގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް، ބެހިގެންވާނީ ތިން ދައުރުގެ މައްޗަށެވެ.
އެގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ.
މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ ތިންވަނަ ދައުރު، އަހަރުގެ އެންމެ ފަހު ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާތައް ބެހިގެންވާ ތިން ދައުރުގެ ތެރެއިން، ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވާނީ، އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހުއެވެ. އެ ދައުރު ނިމޭ ޖަލްސާ ބާއްވާނީ އެ ދައުރުގެ ތެރޭގައި އަންނަ އެންމެ ފަހު ބުރާސްފަތި ދުވަހު ނުވަތަ ހޯމަ ދުވަހުއެވެ.
ނަމަވެސް މަޖިލީހުގެ ގަވާއިދުގައި މިގޮތަށް ކަނޑައަޅާފައިވީ ނަމަވެސް މަޖިލިސް ޖަލްސާއިން ފާސްކޮށްގެން ދައުރު ދައްމާލުމުގެ ބާރު މަޖިލީހަށް ލިބިގެންވެއެވެ.
އެގޮތުން މަޖިލީހުން ފާސްކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަކަ ދައުރުވެސް ކުރިއަށް ގެންދިޔަރީ މެއި މަހުގެ 31 ހުގެ ނިޔަލަށެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް