ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނީ މިދިޔަ ހޮނިހިރު ދުވަހު ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އެތަކެތި ފެނިފައިވަނީ ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރަމުންދިޔަ އިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ޗެކްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އެވެ. މި މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.