ރާއްޖެއަށް ބޭނުންވާ ވެކްސިނާއި އަސާސީ ފާމަސޫޓިކަލް އުފެއްދުންތައް އިތުބާރާއެކު ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ސްޓޭޓް ފާމާއާއި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އާ ދެމެދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ސީރަމް އިންސްޓިޓިއުޓްގެ ޑިރެކްޓާ އޮފް އިންޓަނޭޝަނަލް ބިޒްނަސް ސަންދީޕް މުލޭ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ސްޓޭޓް ފާމާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައެވެ.

ސްޓޭޓް ފާމާ އިން ބުނީ މި ބައްދަލުވުމުގައި ވެކްސިން ފޯރުކޮށްދިނުމުގެ އިތުރުން، ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށާއި އަދި ކުރިމަގުގައި ހިންގުމަށް ރޭވިފައިވާ އާންމު ސިއްހަތުގެ އެކި ޕްރޮގްރާމްތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް ދެފަރާތުން މަޝްވަރާކުރެވުނު ކަމަށެވެ. މި ބައްދަލުވުމުގެ ތެރެއިން ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ދެ ފަރާތުންވެސް ފާހަގަކޮށްފައިވާ ކަމަށް ސްޓޭޓް ފާމާ އިން ބުންޏެވެ.

ސީރަމް އިންސްޓިޓިއުޓަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުންޏެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯ އާއި އދ. ގެ އެހީގައި ހިންގާ ވެކްސިން ޕްރޮގްރާމްތަކަށް އެންމެ ގިނައިން ވެކްސިން ފޯރުކޮށްދޭ އެއް ފަރާތަކީވެސް އެ ކުންފުންޏެވެ. އާންމު ސިއްހަތު ރައްކާތެރިކުރުމަށް ބޭނުންވާ ގިނަ ބާވަތްތަކެއްގެ ފެންވަރު ރަނގަޅު ވެކްސިން އެ ކުންފުނިން ދަނީ އުފައްދަމުންނެވެ.

މި ބައްދަލުވުމަކީ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދުނިޔޭގެ ފުންނާބުއުސް ފާމަސޫޓިކަލް ކުންފުނިތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ސްޓޭޓް ފާމާއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ. މި މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ރައްކާތެރި ބޭހާއި ވެކްސިން، ދަތިކަމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ސްޓޭޓް ފާމާއިން މައުލޫމާތުދެއެވެ.