ސެމްސަންގްގެ އާ ފޯލްޑަބަލް ފޯނުތައް ކަމަށްވާ “ގެލެކްސީ ޒީ ފޯލްޑް8 އަލްޓްރާ”، “ފޯލްޑް8” އަދި “ފްލިޕް8” އަކީ ތަފާތު ދިރިއުޅުމުގެ ވައްޓަފާޅިތަކާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ އުފެއްދުންތަކެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ސެމްސަންގްއިން މިހާރު ވަނީ މި ފޯނުތަކާއި، “ގެލެކްސީ ވޮޗް އަލްޓްރާ2” އަދި “ވޮޗް9” ދެކުނުއިރުމަތީ އޭޝިއާއާއި އޯޝެނިއާ ސަރަހައްދަށް ރަސްމީކޮށް ނެރެފައެވެ. މި އުފެއްދުންތައް މި މަހުގެ 14، އިން ފެށިގެން މި ސަރަހައްދުގެ މާކެޓުތަކުން ލިބެން ހުންނާނެއެވެ.

ސެމްސަންގުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރަސްމީކޮށް ވިއްކަން ފެށުމުގެ ކުރިން މި ސަރަހައްދުގައި ޒީ8 ސީރީޒްގެ ޕްރީ-އޯޑަރު ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ. ފޯލްޑް8 އަދި ފޯލްޑް8 އަލްޓްރާގެ ޕްރީ-އޯޑަރު ވަނީ ކުރީގެ ފޯލްޑް7 އާ އަޅައި ބަލާއިރު ގާތްގަނޑަކަށް 60 އިންސައްތަ އިތުރުވެފައެވެ. އަދި މި ސަރަހައްދުގައި އެންމެ މަގުބޫލު މޮޑެލްއަކީ ފޯލްޑް8 ކަމަށާއި، އޯޑަރުކުރި ކޮންމެ 10 ފޯނެއްގެ ތެރެއިން ހަ ފޯނަކީ އެ މޮޑެލްކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

އާ ފޯނުތަކުގެ ތެރެއިން ގެލެކްސީ ޒީ ފޯލްޑް8 އަލްޓްރާގައި 8 އިންޗީގެ ބޮޑު ސްކްރީނަކާއި 5،000 އެމްއޭއެޗްގެ ބެޓެރިއެއް ހިމެނެއެވެ. މިއީ 4.1 މިލިމީޓަރުގެ ތުނިމިނާއެކު 215 ގްރާމް ހުންނަ ފޯނެކެވެ. މީގެ އިތުރުން ފޯލްޑް8 އަކީ 201 ގްރާމް ހުންނަ، ސެމްސަންގްގެ މިހާތަނަށް އެންމެ ލުއި ފޯލްޑަބަލް ފޯނެވެ. މާކެޓުގައި ދެކެވެމުން އަންނަ ބައެއް ވާހަކަތަކުގައި މި ފޯނުތަކުގެ ބެޓެރިއާއި ކެމެރާއާ ގުޅޭގޮތުން ތަފާތު އަދަދުތައް ކިޔަމުންދިޔަ ނަމަވެސް، ސެމްސަންގްއިން ރަސްމީކޮށް ކަށަވަރުކޮށްދީފައިވަނީ މި ސްޕެސިފިކޭޝަންތަކެވެ.

ފޯނުތަކުގެ އިތުރުން ނެރުނު ގެލެކްސީ ވޮޗް އަލްޓްރާ2 އަކީ ބޭރުތެރޭގައި އުޅޭއިރު ބޭނުންކުރުމަށް ހާއްސަކޮށްފައިވާ، ޓައިޓޭނިއަމް ބޭރުގަނޑެއް ހިމެނޭ ގަޑިއެކެވެ. އަދި ވޮޗް9 އަކީ ސިއްހީ މައުލޫމާތުތައް ދެނެގަތުމަށް އާ ފީޗާތަކެއް ހިމަނައިގެން ނެރެފައިވާ ގަޑިއެއްކަމަށް ސެމްސަންގްއިން ބުނެފައިވެއެވެ.