ސްޓާ ޕްލަސްއިން ގެނެސްދޭން ތައްޔާރުވަމުން އަންނަ އެކްތާ ކަޕޫރުގެ އާ ރޮމޭންޓިކް ޑްރާމާއެއްގެ ލީޑު ރޯލުތަކަށް ޓީވީ ތަރިން ކަމަށްވާ ގޯރަވް ކަންނާއާއި ޝްރައްދާ އާރްޔާ ހަމަޖައްސަން މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފިއެވެ. މިއީ މި ދެ ތަރިން އެކުގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފަހަރަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
"ޓެލީ މަސާލާ" އާ ހަވާލާދީ "ހިންދުސްތާން ޓައިމްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބާލާޖީ ޓެލެފިލްމްސްއިން އުފައްދާ މި ޝޯގެ ކާސްޓިންގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މިއީ އާއިލީ ގުޅުންތަކާއި ލޯބީގެ މައްޗަށް ބިނާކޮށް އުފައްދާ ޑްރާމާއެއް ކަމަށް މީޑިއާތަކުން ބުނެއެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން ގޯރަވް އަދި ޝްރައްދާ ވެސް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އެކްތާ ކަޕޫރު ނުވަތަ ސްޓާ ޕްލަސްއިން ވެސް މި ޑްރާމާގެ ކާސްޓު ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.
ގޯރަވް އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ "އަނުޕަމާ" ގައި އޭނާ ކުޅުނު އަނޫޖް ކަޕާޑިއާގެ ރޯލުންނެވެ. އެ ޝޯ ދޫކޮށްލުމަށްފަހު އޭނާ ވަނީ "ބިގް ބޮސް 19" ކާމިޔާބުކޮށް، މިހާރު "ހަތުރޯން ކޭ ހިލާޅީ 15" ގައި ވެސް ބައިވެރިވެފައެވެ. އަނެއްކޮޅުން، ޝްރައްދާ އާރްޔާ އާންމުންގެ މެދުގައި މަގުބޫލުވީ އެކްތާ ކަޕޫރު އުފެއްދި "ކުންޑަލީ ބާގްޔާ" ގައި 2017 އިން 2024 އަށް އޭނާ އަދާކުރި ޕްރީތާގެ ރޯލުންނެވެ. މި ޑްރާމާއަށް ޝްރައްދާ ހަމަޖައްސައިފިނަމަ، މިއީ އެކްތާ ކަޕޫރާއެކު އޭނާ މަސައްކަތްކުރާ ދެވަނަ ޕްރޮޖެކްޓަށް ވާނެއެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުން، މި އާ ޑްރާމާ ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މިހާރު ސްމްރިތީ އިރާނީ ލީޑު ރޯލު ކުޅެމުން އަންނަ "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ 2" ދައްކަމުން އަންނަ ގަޑީގައެވެ. އަދި މި ޑްރާމާ ސްޓާ ޕްލަސްއިން ދައްކަން ފަށާނީ 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިކަމާ ގުޅޭ ރަސްމީ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޓީވީ ޝޯ
ޓީވީ ޝޯ
ޓީވީ ޝޯ
ޓީވީ ޝޯ
ކޮމެންޓް