މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރީ ސަރުކާރުން ފެށި ތިލަމާލެ ބުރިޖު މަޝްރޫއު، މި ސަރުކާރުން އަލުން ފަށަން ޖެހުނީ ސުމަކުން ކަމަށާއި މާ ލަސްތަކެއް ނުވެ އެ މަޝްރޫއު ވެސް ނިމިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން 2022 ވަނަ އަހަރު ފެށި މި މަޝްރޫއަކީ، މާލެ ސަރަހައްދުގައި މިވަގުތު ކުރިއަށްދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަސައްކަތެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މިއަދު ވިދާޅުވީ ތިލަމާލެ ބުރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދަނީ ވަރަށް ބާރުސްޕީޑުގައި ކަމަށެވެ.

މި ސަރުކާރު ހަވާލުވިއިރު މި މަޝްރޫއުގެ އަމަލީ މަސައްކަތް އޮތީ ސުމެއްގައި ކަމަށް ދެންނެވިދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ކުރީގެ ސަރުކާރުން މަޝްރޫއު ފެށި ނަމަވެސް، މާލެއާއި ވިލިމާލެއާ ދެމެދު އެއްވެސް ތަނބެއް ޖެހުން ފަދަ އަމަލީ ބޮޑު މަސައްކަތެއް ކުރެވިފައި ނުވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި މަޝްރޫއަކީ އިންޑިއާ ސަރުކާރާއެކު ކުރިއަށްދާ މަޝްރޫއެއްކަމުން، ދެ ސަރުކާރުގެ ގުޅުމުގެ ތެރެއިން މިހާރު މަސައްކަތްތައް އަވަސްކުރެވިފައިވާ ކަމަށެވެ. މާލެއާއި ވިލިމާލެއާ ދެމެދު އޮތް ބައި ގާތްގަނޑަކަށް ގުޅުވާލެވިފައިވާ އިރު، ވިލިމާލެއިން ގުޅިފަޅަށް އަދި ގުޅީފަޅުން ތިލަފުއްޓަށް ގުޅާލުމުގެ މަސައްކަތްވެސް ހިނގަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާ އެއް މަސައްކަތަކީ މި މަޝްރޫއު އެންމެ އަވަހަށް ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ބުރިޖު މަޝްރޫއު ނިމޭނެ ސީދާ ތާރީހާއި އިތުރު ތަފްސީލުތައް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހާމަކުރަމުން ކުރިއަށްދާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގުމިނުގެ ކަނެކްޓިވިޓީއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ އިރު، މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ހައިވޭތައް ހެދުމުގެ މަސައްކަތްވެސް އަންނާނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.

ހައުސިން މިނިސްޓްރީން މިދިޔަ މަހު މައުލޫމާތުދިން ގޮތުގައި ބުރިޖު މަޝްރޫއުގެ 74.90 ޕަސަންޓު މަސައްކަތް ވަނީ ނިމިފައެވެ. މައިގަނޑު ގޮތެއްގައި މިހާރު ކުރިއަށްދަނީ ބުރިޖުގެ ތަނބުތައް ގުޅާލުމަށް އަޅަންޖެހޭ ޑެކްތައް އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. އެގޮތުން ބުރިޖު ޑެކަށް ބޭނުންވާ ޖުމުލަ 1222 ސެގްމަންޓުގެ ތެރެއިން 90.4 ޕަސަންޓް ސެގްމަންޓް މިހާރު ކާސްޓުކޮށް ނިމިފައިވާ އިރު، އޭގެ ތެރެއިން 72.9 ޕަސަންޓު ސެގްމަންޓް މިހާރު އިންސްޓޯލްކޮށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިވަގުތު ބުރިޖުގެ މެދުން ގުޅޭ ސެގްމަންޓް ޑެކްގެ މަސައްކަތް ފިޔަވައި، އެހެން ހުރިހާ ބައެއްގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި މީގެ އިތުރުން ގުޅިފަޅުގައި ބުރިޖާ ގުޅޭ މަގުތައް ހެދުމާއި ތިލަފުށީގައި ބުރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެކި ސަބަބުތަކާ ހުރެ މަޝްރޫއު ލަސްވި ނަމަވެސް، އަންނަ އަހަރުގެ ނިޔަލަށް މުޅި މަޝްރޫއު ނިންމުމަކީ ސަރުކާރުގެ އަމާޒެވެ. މި ބިޔަ މަޝްރޫއަށް ޖުމުލަ 500 މިލިއަން ޑޮލަރު ނުވަތަ ހަތް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ.