ކ. އަތޮޅުގެ އެންމެ އަގުހުރި، އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މަލްޓި އެކްސް ކަންމަތި އެފްސީން ހޯދައިފިއެވެ.

ރޭ ކ. ތުލުސްދޫގެ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ކަންމަތީން އެޕޮކަލިޕްސް އެސްސީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ކަންމަތިން މިޔަޓް ފުޓްސަލް ފިއެސްޓާގެ ތަށި ހޯދި ތިންވަނަ ފަހަރެވެ. 2018އާއި 2019 ވަަނަ އަހަރުވެސް ކަންމަތިން މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، ރޭ އެޓީމުން ތިންވަނަ ފަހަރަށް ތަށި އުފުލާލީ 2022 ވަނަ އަހަރުގެ ޗެމްޕިއަން އެޕޮކަލިޕްސް ބަލިކޮށްގެންނެވެ.

ވަރުގަދަ ދެޓީމު ކުރިމަތިލި މެޗުގެ ހަމައެކަނި ގޯލް ޖަހައިދިނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ފައިނަލް މެޗުގެވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. އޭނާ ވަނީ މުޅި މުބާރާތުގައިވެސް ކަންމައްޗަށް މޮޅަށް ކުޅެފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ޝާއްޕެ --- ފޮޓޯ/ އިމޭޖަސް އެމްވީ

ނިންމުމުގެ ރަސްމިއްޔާތާއި ފައިނަލް މެޗުގެ ރަސްމިއްޔާތުވެސް ކުލަގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް އެކްސް ބޯއީސްގެ ޝަނާން ރަޝާދު ހޮވުނު އިރު، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ ކަންމަތީގެ ހުސައިން ސުހައިލް (ސޮކޭ) އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

  • ހުސައިން ޝަރީފް (އޮންލީ) / އެޕޮކަލިޕްސް އެސްސީ
  • ހުސައިން ސުހައިލް (ސޮކޭ) / މަލްޓި އެކްސް ކަންމަތި އެފްސީ
  • ނައްފާޒު ސައުދު (ގޯލްކީޕަރު) / އެޕޮކަލިޕްސް އެސްސީ
  • އަބްދުﷲ ޝާފިއު (ޝާއްޕެ) / މަލްޓި އެކްސް ކަންމަތި އެފްސީ
  • އަހުމަދު އަފްލާޒް / އެޕޮކަލިޕްސް އެސްސީ
  • މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ---

މިފަހަރު މިޔަޓް ސްޕޯޓްސް ފެސްޓިވަލް ވެގެން ދިޔައީ މުޅި ކ. އަތޮޅުގެ ހަރަކާތަކަށެވެ. ކާމިޔާބުކަމާއެކު މިޔަޓް ޔުނިޓީ ރަން ނިންމާލީ ހިނިތުންވުން ގެނެސްދެމުންނެވެ. މިޔަޓް ފެމީނާ ފުޓްސަލް މުބާރާތް ވެގެންދިޔައީ އަންހެން ކުޅުންތެރިންނަށް ތަފާތު ފުރުސަތަކަށެވެ. އެ މުބާރާތް ކާމިޔާބުކުރީ މާފުށީ ކަންއުންސިލް އަންހެން ފުޓްސަލް ޓީމުންނެވެ. އޭގެ އިތުރުން އިސްރަށްވެހިންގެ ހަވީރަކާއެކު ވެޓެރަންސް މެޗެއްވެސް ފެނުނެވެ. އެ ހުރިހާ ކަމަކުން މިޔަޓްގެ ހާއްސަވިއެވެ.

މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށްވެސް 75،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ.