ސިވިލް ކޯޓުގެ ގާޒީން ކަމަށް ފައިވާ ގއ. ކަނޑުހުޅުދޫ ރީލްމަންޒިލް، މުހައްމަދު ނިޝާތު އާއި ރ. ހުޅުދުއްފާރު ރޯޒްވިލާ، އާސިޔާ އަޒީމާ އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި އެ ދެ ބޭފުޅުން ސިވިލް ކޯޓުގެ ގާޒީން ކަމަށް އައްޔަން ކުރަން ނިންމެވީ، ސިވިލް ކޯޓަށް ގާޒީން ހޯދުމަށް މިދިޔަ ޖީން މަހުގެ 21 ގައި ކުރި އިއުލާނާ ގުޅިގެން ދަށުން ސިވިލް ކޯޓުގެ ގާޒީކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ދިން ލަފައާ ގުޅިގެން ކަމަށެވެ.

ނިޝާތަކީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ލޯސް (އޮނާސް) އަދި މާސްޓާ އޮފް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ތިރީސް އޮކްޓޫބަރު 2025 ވަނަ ދުވަހުން ފެށިގެން ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ނިޝާތަކީ ޝަރުއީ ދާއިރާ އާ ގުޅުންހުރި މަގާމުތަކުގައި 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން އެޓާނީ ޖެނެރަލް އޮފީހުގައި ޑެޕިއުޓީ ސްޓޭޓް އެޓާނީގެ މަގާމާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި އިންވެސްޓިގޭޝަން އޮފިސަރު، ލީގަލް އޮފިސަރު އަދި ސީނިއާ ލީގަލް އޮފިސަރު މަގާމާއި، ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ޖެނެރަލް ކައުންސެލް އަދި ސެކްރަޓަރީ ޖެނެރަލްގެ މަގުމު ފުރުއްވާފައިވެއެވެ.

އާސިޔާ އަޒީމާ ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އޮނާސް އަދި ޔުނިވާސިޓީ އޮފް ބާމިން ހަމްއިން މާސްޓާ އޮފް ލޯ ހާސިލް ކުރައްވައިފައެވެ.

އާސިޔާ އަކީ ރައްޔިތުންގެ މަޖިލީހުގެ ލީގަލް އޮފިސަރުގެ މަގާމާއި ލީގަލް އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު 27 އޮގަސްޓް 2014 އިން ފެށިގެން 28 ފެބްރުވަރީ 2021 އަށް ފުރުއްވާފައިވާ ބޭފުޅެކެވެ.