މީގެ އަހަރުތަކެއް ކުރިންނަމަ، މީހަކު ދަށްކޮށްލުމުގެ ގޮތުން ނުވަތަ މަލާމާތްކުރުމުގެ ގޮތުން ބުނެއުޅޭ އެއް ބަހަކީ "މަހަށް ދާށޭ" ނުވަތަ "ތީ މަސްވެރިއެއްގެ ދަރިޔެކޭ" އެވެ. އެއީ ތައުލީމެއް ނެތް، އެހެން މަސައްކަތެއް ކުރަން ނޭނގޭ މީހުން ކުރާ ދަށް ފަންތީގެ ކަމެއްގެ ގޮތުގައި މުޖުތަމައުގެ ތެރޭގައި އޮތީ ލޭބަލްކުރެވިފައެވެ. ސްކޫލު ދައުރުގައި ކިޔެވުމަށް ދަށް ކުދިންނާ ދިމާލަށް ވެސް، މުސްތަގުބަލުގައި ޖެހޭނީ މަހަށް ދާން ކަމަށް ބުނެ މަލާމާތްކުރުމަކީ އާންމު ކަމެކެވެ. ނަމަވެސް މިއަދު މަންޒަރު ބަދަލުވެއްޖެއެވެ. ހަފުތާ ބަންދާ ދިމާކޮށް މާލެ ސަރަހައްދުގެ ފަޅުތަކާއި ފިނޮޅުތަކަށް ބަލައިލުމުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ޒަމާނީ ކަންވާރާއި، އަގުބޮޑު ރީލުތައް ހިފައިގެން، އަމިއްލައަށް ކުއްޔަށް ހިފާފައިވާ ލޯންޗުފަހަރުގައި މަހަށް ނުކުމެ އުޅޭ ޒުވާނުންނެވެ. މިއީ މިހާރު ދިވެހި ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް ހޮބީއެވެ.
މި ބަދަލު އައިސްފައިވާ މިންވަރު ސަރުކާރުގެ ތަފާސްހިސާބުތަކުން ވެސް ފެންނަން އެބަހުއްޓެވެ. ފިޝަރީޒް މިނިސްޓްރީން 2025 ވަނަ އަހަރުގެ ޖުލައި މަހު ބޭއްވި "މަސްވެރިންގެ ގުންޒަރު" ގައި މުނިފޫހިފިލުވުމަށް މަސްވެރިކަން ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުވާލި ފުރުސަތުގައި 216 މީހުން ފޯމު ހުށަހެޅި ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އޭގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުން 60 މީހުން ހޮވައިގެން މަސްވެރިކަމުގެ މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިނިސްޓްރީން ފާހަގަކުރި ގޮތުގައި މިއީ ޒުވާނުންގެ މެދުގައި މިކަމަށް އޮތް ޝައުގުވެރިކަން ހާމަކޮށްދޭ ވަރަށް ބޮޑު ހެއްކެކެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާގައި މަސްވެރިކަމުގެ ތަޖުރިބާތައް ހިއްސާކުރާ ޒުވާނުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ޒުވާން މަސްވެރިންގެ ވީޑިއޯތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދެއެވެ.
މި ޝައުގުވެރިކަން އިތުރުވަމުން އަންނަނީ ހަމައެކަނި ފިރިހެނުންގެ މެދުގައެއް ނޫނެވެ. ދެ ޖިންސުގެ ޒުވާނުން ވެސް މިހާރު މި ހަރަކާތްތަކުގައި ބައިވެރިވެއެވެ. އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކަށް ބަލައިލުމުން، ބޮޑެތި ރަތްމަހާއި ފިލޮޅު، ގިއުޅު އަދި ފާނަ ފަދަ ފަރުމަސް ބާނައިގެން އަންހެން ކުދީން ނަގާފައިވާ ފޮޓޯތައް ވެސް އާންމުކޮށް ފެނެއެވެ.
މިއީ މީގެ ދިހަވަރަކަށް އަހަރު ކުރިން ރާއްޖެއިން ފެންނަ މަންޒަރެއް ނޫނެވެ. އޭރު މަސްވެރިކަމަކީ ހަމައެކަނި ފިރިހެނުންނަށް ހާއްސަ، ބުރަ މަސައްކަތެއްގެ ގޮތުގައި އޮތް ނަމަވެސް، ޒަމާނީ އާލާތްތަކާއެކު މިއަދު މިއީ ޖިންސީ ތަފާތުކުރުމެއް ނެތި އެންމެން ކުރާ މަޖާ ކަމަކަށް ވަނީ ވެފައެވެ. އަންހެން ކުދިންގެ މެދުގައި ވެސް ކާސްޓިން އަދި ޖިގިން ފަދަ ހުނަރުވެރި މަސްވެރިކަން އަންނަނީ މަގުބޫލުވަމުންނެވެ.
ޒުވާނުން މި ކަމަށް އޮންނަ ލޯބި އަދު ޝައުގު ފެންނަނީ އެމީހުން އެ މަސައްކަތް އިޝްތިހާރުކުރަން ސޯޝަލް މީޑިއާއަށް ދޫކޮށްލާ ސަޅި ފޮޓޯތަކުންނެވެ. މަސް ބާނާ ފޮޓޯތަކާއި، ކަނޑުފަޅުގައި މަދު ބާވަތްތަކުގެ މަސް ބޭނުމުން އެ މަސް ދޫކޮށްލާ ވީޑިއޯ ތަކާއި ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކުގެ ފޮޓޯތަކެވެ.
ހޮބީއެއްގެ ގޮތުގައި ކުރާ މަސްވެރިކަމުގެ ބާވަތްތަކަށް ބަލާއިރު، އެންމެ އާންމުކޮށް ޒުވާނުން ކުރަނީ ޖިގިން، ޕޮޕިން އަދި ކާސްޓިންއެވެ. މިއީ ހަށިގަނޑަށް ކަސްރަތު ލިބޭ އަދި ހުނަރުވެރިކަން ވެސް ބޭނުންވާ ކަންކަމެވެ. މިކަމަށް ބޭނުންވާ ސާމާނު ވިއްކާ ފިހާރަތައް ވެސް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަގު ބޮޑު ރީލުތަކާއި ދޮށި ފަދަ ޒަމާނީ އާލާތްތައް ޒުވާނުން ގަނެއެވެ. މިއީ އެތައް ހާސް ރުފިޔާއެއް ހަރަދުކޮށްގެން ޒުވާނުން ގަންނަ ތަކެއްޗެވެ. ބްރެއިޑެޑް ލައިންތަކާއި، އެކި ކުލަކުލައިގެ ލުއަރތައް ބޭނުންކޮށްގެން މަސްވެރިކަން ކުރުމަކީ މިހާރު ފެޝަނަކަށް ވެފައިވާ ކަމެކެވެ. މި މަސްވެރިކަމަށް ބޭނުންވާ ބައެއް އާލާތްތައް އުފައްދާ ދިވެހި ފަރާތްތައްވެސް އަންނަނީ ބާރު އިސްޕީޑުގައި އިތުރުވަމުންނެވެ. އަދި އެފަދަ ބައެއް އުފެއްދުންތައް އަންނަނީ ބޮޑު މަގުބޫލުކަމެއްވެސް ހޯދަމުންނެވެ.
ހަފުތާގެ ބުރަ މަސައްކަތަށްފަހު ސިކުނޑިއަށް ހަމަޖެހުން ހޯދުމަށް ޒުވާނުން ހިޔާރުކުރާ އެންމެ އާންމު އެއް ގޮތަކީ ރައްޓެހިންނާއެކު ފިނޮޅަކަށް ނުވަތަ ފަޅުރަށަކަށް ދަތުރު ދިއުމެވެ. މި ދަތުރުތަކުގައި އެންމެ މުހިންމު އެއް ހަރަކާތަކީ މަސްވެރިކަމެވެ. ފަރުމަސް ބާނައިގެން، އެރަށެއްގެ ގޮނޑުދޮށުގައި ބާބަކިއު ހަދައި، ތާޒާ މަސް ފިހެގެން ކެއުމަކީ ދިވެހިވަންތަ، އަދި އެހާމެ ހިތްހަމަޖެހޭ ތަޖުރިބާއެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ޓެންޓު ޖަހައިގެން ރޭގަނޑު ހޭދަކުރުމާއި، މޫދަށް އެރި އުޅުމާއެކު، މިއީ އާއިލީ ގުޅުންތަކާއި ރަހުމަތްތެރިކަން ބަދަހިކުރުމަށް ވެސް ލިބޭ ރަނުގެ ފުރުސަތެކެވެ. ކޮވިޑް-19 ގެ ދުވަސްވަރުން ފެށިގެން މާލެ ކައިރީގައި އޮންނަ ދޮންވެލި ފިނޮޅުތަކަށް ދަތުރުދިއުމުގެ އާދަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އޮފީސްތަކުގެ މާހައުލުގައި އުޅުމަށްފަހު، ހުޅުވިފައިވާ ކަނޑުގެ ވައި ޖެހޭ ހިސާބަކަށް ގޮސް، އަމިއްލަ އަތުން މަހެއް ބާނައިލުމުން ލިބޭ ނަފްސާނީ ހިތްހަމަޖެހުމަކީ އެހެން ކަމަކުން ލިބޭނެ އުފަލެއް ނޫން ކަމަށް މި ދަތުރުތަކުގައި ބައިވެރިވާ ޒުވާނުން ފާހަގަކުރެއެވެ. މިފަދަ ދަތުރުތަކަށް ހާއްސަކޮށްގެން ޕެކޭޖުތައް ހަދައިގެން ލޯންޗު ކުއްޔަށް ދޭ ފަރާތްތަކަށް ވެސް މިއީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތަކަށް ވަނީ ވެފައެވެ.
މި ސިނާއަތް ފުޅާވަމުން އަންނާތީ، ސަރުކާރުން ވެސް އަންނަނީ މިކަމަށް ހާއްސަ ސަމާލުކަމެއް ދެމުންނެވެ. ސްޕޯޓްސް ފިޝިންއަށް ހާއްސަ ކަނދުފަތިތައްވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ އަޅަމުންނެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެކެވެ. ބޭރުގެ ފަތުރުވެރިން ވެސް ރާއްޖެ އައިސް ސްޕޯޓްސް ފިޝިންގައި ބައިވެރިވަމުން އަންނައިރު، މިއީ އިގުތިސޯދީ ގޮތުންވެސް ފުޅާކުރެވިދާނެ ދާއިރާއެކެވެ. ހަމަ އެކަނި ސްޕޯޓްސް ފިޝިންއަށް ދަތުރުހަދައިގެން، ރާއްޖެ އަންނަ ފަތުރުވެރީންވެސް މިހާރު މަދެއް ނޫނެވެ. މިފަދަ ފަތުރުވެރިން ދަތުރު ހަދަނީ ރާއްޖޭގެ މަގުބޫލު ސްޕޯޓްސް ފިޝިން ކެޕްޓަނުންނާ އެކުގައެވެ. ރޭގަނޑު ހޭދަކުރަނީ ރަށްރަށުގައެވެ. ކެއުން އޮންނަނީ ތާޒާމަސް ބައިގެން، ފިނޮޅުތަކުގައާއި ފަޅުރަށްރަށުގައެވެ.
މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މަސްވެރިންނަށް ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމައަށް ލޯނު ލިބޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖެހިފައެވެ. މި ލޯނު ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބައެއް ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ. މިއީ ހޮބީއެއްގެ ގޮތުގައި މިކަން ފަށައި، ފަހުން މައިގަނޑު އާމްދަނީ ހޯދާ މަސައްކަތަކަށް ބަދަލުކުރަން ބޭނުންވާ ޒުވާނުންނަށް އޮތް ބޮޑު ފުރުސަތެކެވެ. އަމިއްލަ ދޯންޏެއް ނުވަތަ ލޯންޗެއް ގަނެ، ފަތުރުވެރިންނަށާއި ދިވެހިންނަށް ހާއްސަކޮށްގެން ފިޝިން ޓްރިޕްތައް އިންތިޒާމުކުރުމުގެ ވިޔަފާރި ފެށުމަށް މި ލޯނުތަކުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.
މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމަށް ވާއިރު، ޒުވާނުންގެ މެދުގައި މި ސަގާފަތް އާލާވަމުން އައުމަކީ ގައުމީ ނަޒަރަކުން ބަލާއިރު އުފާވެރި މަންޒަރެކެވެ. ކުރިން މަލާމާތަކަށް ވި ކަންތައް، މިއަދު ފެންނަނީ ފަހުރުވެރިކަމާއެކު ޒުވާނުން ކުރާ، އެމީހުން އުފާވާ ކަމެއްގެ ގޮތުގައެވެ. އަގުބޮޑު އާލާތްތަކާއެކު، ސަލާމަތީ ގޮތުން ރައްކާތެރި ފިޔަވަޅުތައް އަޅައިގެން ކުރާ މި މަސައްކަތަކީ މުނިފޫހިފިލުވުމުގެ އިތުރުން، ރާއްޖޭގެ އިގުތިސޯދަށް ވެސް އޭގެ ފައިދާ ކުރާނެ ކަމެކެވެ.
މިއަދުގެ ޒުވާނުން މަސްވެރިކަމަށް ބޭނުންކުރަނީ އެންމެ މި ޒަމާނުގެ ލޯންޗުފަހަރެވެ. އަގު ބޮޑު އައުޓްބޯޑު އިންޖީނުތަކެވެ. ޓަޗް ސްކްރީނު ހިމެނޭ، ޖީޕީއެސް ތަކާއި އެތައް ސަތޭކަ މީޑަރެއްގެ އަޑިން މަސް ފެންނަ، އެންމެ މި ޒަމާނުގެ ފިޝްފައިންޑާ ތަކެވެ.
މި ހުރިހާ ކަމަކާއެކު، މަސްވެރިކަމުގެ ވައްޓަފާޅި ވެސް ވަނީ މުޅީން ބަދަލުވާން ފަށައިފައެވެ. މަސްވެރިކަމަށް ފޫހިވި ޖީލު މިހާރު ވަނީ ނެތިގެން ގޮސްފައެވެ. މިއަދުގެ ޒުވާނުން މަސްވެރިކަމަށް ޝައުގު އެބަހުއްޓެވެ. ދެން ވާންވީ ގޮތަކީ، އެކި ކަހަލަ މަސްވެރިކަމުން ލިބޭ އާމްދަނީއަކީ އެހެން ވަޒީފާތައް ނުވަތަ މަސައްކަތްތަކުން ލިބޭ އާމްދަނީއާ އަޅައިކިޔާއިރު ރަނގަޅު އާމްދަނީއަކަށް ވާންވީ އެވެ.
ކްރިމިނަލް ކޯޓް
ކުޅިވަރު
ކޮމެންޓް