މަސްތުވެގެން ހުރެ ކާރު ދުއްވި ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި، ގޮލްފް ކުޅުންތެރިޔާ ޓައިގާ ވުޑްސްގެ ޑްރައިވިން ލައިސަންސް ފަސް އަހަރު ދުވަހަށް ހިފަހައްޓައިފިއެވެ.
ފްލޮރިޑާގެ މާޓިން ކައުންޓީ ސާކިޓް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގައި ފަރުވާކުޑަކޮށް ކާރު ދުއްވުމާއި ގާނޫނީ ޓެސްޓެއް ހެދުމަށް އިންކާރުކުރުމުގެ ދައުވާއަށް އިއުތިރާފުނުވި ނަމަވެސް، ދައުވާއާ މެދު ދެކޮޅު ނުހަދަން އޭނާ ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން 1،500 ޑޮލަރުން އޭނާ ޖޫރިމަނާކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ޑެރެން ސްޓީލް ވިދާޅުވީ، ވުޑްސްގެ ލައިސަންސް ހިފެހެއްޓީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އަދި އެއްވެސް ސަބަބަކާ ހުރެ އޭނާ ކާރު ދުއްވައިފި ނަމަ ވަގުތުން ޖަލަށް ގެންދާނެ ކަމުގެ އިންޒާރު ފަނޑިޔާރު ދިނެވެ. ސްޓޭޓް އެޓާނީ ތޯމަސް ބަކެޑާލް ވިދާޅުވި ގޮތުގައި، ވުޑްސްއަކީ މުޅި ދުނިޔެއަށް ވެސް އެންމެ ބޮޑަށް އެނގޭ އެކަކަށް ވުމުން، އޭނާ ކާރު ދުއްވައިފި ނަމަ ވަރަށް ފަސޭހައިން ފާހަގަކުރެވޭނެއެވެ.
މި މުއްދަތުގެ ތެރޭގައި ގޮލްފް ކޯހެއްގައި އޭނާއަށް ގޮލްފް ކާޓެއް ދުއްވިދާނެތޯ ނޫސްވެރިން ސުވާލުކުރުމުން ބަކެޑާލް ވިދާޅުވީ އެކަން އިތުރަށް ސާފުކުރަން ޖެހޭ ކަމަށެވެ. އުމުރުން 50 އަހަރުގެ ވުޑްސް ކޯޓަށް ހާޒިރުވީ ވުޑްސްގެ ލޯބިވެރިޔާ ވެނެސާ ޓްރަމްޕާއި ގާނޫނީ ވަކީލު ޑަގް ޑަންކަންއާ އެކުގައެވެ. ޝަރީއަތުގެ މަޖިލީހުގައި ވުޑްސް މާ ގިނަ ވާހަކަތަކެއް ދައްކާފައެއް ނުވެއެވެ.
ވުޑްސް ހައްޔަރުކުރީ މާޗު 27 ވަނަ ދުވަހު އޭނާ ދުއްވި ކާރު ޓްރަކެއްގައި ޖެހި ފުރޮޅާލި ހާދިސާއާ ގުޅިގެންނެވެ. ފުލުހުންގެ ރިޕޯޓުގައިވާ ގޮތުން، ވުޑްސް ބުނީ ހާދިސާ ހިނގީ އޭނާގެ ފޯނަށް ބަލަން އިނދެފައި ރޭޑިއޯ ސްޓޭޝަން ބަދަލުކުރަން އުޅުމުގެ ތެރޭގައި ކުރީގައި އޮތް ޓްރަކް މަޑުކުރިތަން ނުފެނުމުންނެވެ.
މާޓިން ކައުންޓީ ޝެރިފްގެ ޑެޕިއުޓީ ޓަޓިއާނާ ލެވެނާ ވިދާޅުވި ގޮތުގައި، ވުޑްސްއާ ސުވާލުކުރިއިރު އޭނާ ހުރީ ވަރަށް ބޮޑަށް ދާހިއްލައިފައެވެ. އަދި އޭނާގެ ހަރަކާތްތައް ހުރީ ވަރަށް ލަސްކޮށެވެ. ޝެރިފް ޖޯން ބުޑެންސިއެކް ވިދާޅުވީ، ބްރެތަލައިޒާ ޓެސްޓުން ވުޑްސްގެ ހަށިގަނޑުގައި ބަނގުރާ ހުރިކަން ފާހަގަނުކުރެވޭ ކަމަށެވެ. ނަމަވެސް އެހެން ޑްރަގްސް ހުރިތޯ ބެލުމަށް ލޭގެ ނުވަތަ ކުޑަކަމުދާ ތަކެތީގެ ޓެސްޓެއް ހެދުމަށް އޭނާ އިންކާރުކުރި ކަމަށް ޝެރިފް ބުންޏެވެ. ފުލުހުންނަށް ވުޑްސްގެ ޖީބުން ހައިޑްރޯކޯޑޯން ގުޅަތަކެއް ފެނިފައިވާ އިރު، ދައުލަތުން ވަނީ އޭނާގެ ބޭސް ސިޓީތަކާއި ސިއްހީ ރެކޯޑުތައް ހޯދައިފައެވެ.
މި ހާދިސާއަށްފަހު މާޗު 31 ގައި ވުޑްސް ވަނީ ސިއްހަތަށް ފަރުވާ ހޯދުމަށްޓަކައި ވަގުތީ ގޮތުން ގޮލްފާ ދުރަށްދާކަން އިއުލާންކޮށްފައެވެ. އެއަށްފަހު އޭނާ ވަނީ ސްވިޓްޒަލޭންޑްގެ ފަރުވާދޭ މަރުކަޒެއްގައި ހަފުތާތަކެއް ހޭދަކޮށްފައެވެ. މީގެ ކުރިން 2017 ވަނަ އަހަރު ވެސް މަސްތުވެގެން ހުރެ ކާރު ދުއްވި ކަމުގެ ތުހުމަތުގައި ވުޑްސް ހައްޔަރުކުރިއެވެ. އެ ފަހަރު އޭނާ ފެނުނީ ކާރުގެ އިންޖީނު ނިއްވައިނުލާ އޭގެ ތެރޭގައި ނިދިފައި އޮއްވައެވެ. އޭރު އޭނާ ބުނީ އެކަން ދިމާވީ ތަދުކަނޑުވާ ބޭސްތަކެއް އެއްކޮށް ކެއުމުގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން، 2021 ވަނަ އަހަރު ލޮސް އެންޖެލިސްގައި ހިނގި ކާރު އެކްސިޑެންޓެއްގައި ވުޑްސްގެ ފަޔަށް ބޮޑެތި އަނިޔާތަކެއް ލިބި، ގިނަ ސާޖަރީތަކެއް ހަދަން ޖެހުނެވެ.
ހައްޔަރުކުރުމަށްފަހު ވުޑްސް އެންމެ ފުރަތަމަ އާންމުންގެ ތެރެއިން ފެނުނީ ޖޫން 23 ގައި ކަނެކްޓިކަޓްގައި އޮތް ޓްރެވަލާސް ޗެމްޕިއަންޝިޕްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ޕީޖީއޭ ޓުއާގެ ސީއީއޯ ބްރަޔަން ރޮލާޕް ވިދާޅުވީ، ވުޑްސް އެނބުރި އައުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، އޭނާގެ ފަރާތުން މުހިންމު އެހީތެރިކަމެއް ލިބެމުންދާ ކަމަށެވެ.
ވުޑްސްއަކީ 2028 ވަނަ އަހަރުގެ ސީޒަނަށް ޓުއާގެ މުބާރާތްތަކުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައި ފިއުޗާ ކޮމްޕެޓިޝަން ކޮމިޓީގެ ޗެއާއެވެ. އަނިޔާތަކާ ގުޅިގެން ވުޑްސް އެންމެ ފަހުން ޕީޖީއޭ ޓުއާގައި ވާދަކުރީ ޖުލައި 2024 ގައެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ޑިސެމްބަރު 3 އިން 6 އަށް ބަހާމާސްގައި އޮންނަ ހީރޯ ވޯލްޑް ޗެލެންޖް ހޯސްޓްކުރާ ފަރާތުގެ ގޮތުގައެވެ.
ބޭރު ކުޅިވަރު
މަގުމަތީގެ އެކްސިޑެންޓް
ބޭރު ކުޅިވަރު
ހުޅުމާލެ ފޭސް 2
ކޮމެންޓް