ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓުކޮށް، ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަދި ވިކީ ކޯޝަލް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ލަވް އެންޑް ވޯ" ގެ ތިއޭޓްރިކަލް ޑިސްޓްރިބިއުޝަން ރައިޓްސް ހޯދުމަށް އިންޑިއާގެ ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެއްޖެއެވެ.

ވެރައިޓީ އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިލްމު ސިނަމާތަކުގައި އެޅުވުމުގެ ރައިޓްސް ހޯދުމަށް ދަރްމާ ޕްރޮޑަކްޝަންސްއާއި ޒީ ސްޓޫޑިއޯސްގެ އިތުރުން ޕެން މަރުދަރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

މި ރިޕޯޓުތައް ބުނާ ގޮތުން، ޑިސްޓްރިބިއުޝަން ރައިޓްސް ދިނުމަށް ފިލްމު އުފައްދާ ފަރާތުން 300 ކްރޯޑު ރުޕީސްއަށް ޑިމާންޑުކުރެއެވެ. ނަމަވެސް މި އަދަދާއި މިކަމާ ގުޅޭ އެއްބަސްވުމެއް ރަސްމީކޮށް އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި ފިލްމަކީ އަންނަ އަހަރުގެ ޖެނުއަރީ 21 ގައި ނެރުމަށް ތާވަލުކޮށްފައިވާ ފިލްމެކެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ސިނަމާތަކުގައި އެޅުވުމުގެ ކުރިން ވެސް މި ފިލްމަށް ވަނީ ބޮޑު އާމްދަނީއެއް ލިބިފައެވެ. އެގޮތުން، ފިލްމު ސިނަމާތަކުގައި އެޅުވުމަށްފަހު ސްޓްރީމްކުރުމުގެ ރައިޓްސް 130 ކްރޯޑު ރުޕީސްއަށް ނެޓްފްލިކްސްއިން ގަނެފައިވާ ކަމަށާއި، މިޔުޒިކް އަދި ސެޓެލައިޓް ރައިޓްސް ވިއްކާލައިގެން އިތުރު 70 ނުވަތަ 80 ކްރޯޑު ރުޕީސް ލިބިފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. މިއާއެކު، ފިލްމު ރިލީޒްކުރުމުގެ ކުރިން 200 ކްރޯޑު ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ކަށަވަރުވެފައެވެ.

"ލަވް އެންޑް ވޯ" އަކީ ރަންބީރާއި އާލިއާ އަދި ވިކީ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ޑިސްޓްރިބިއުޝަން ރައިޓްސް ލިބޭނެ ކުންފުންޏެއް ފިލްމުގެ ޓީމުން އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.