ދިވެހިރާއްޖޭގެ އެންޓި ސްކޭމް ސެންޓަރު އުފެއްދި ފަހުން، ދެ އަހަރުގެ ތެރޭގައި މިހާތަނަށް 3,000 މައްސަލައެއް ރިޕޯޓުކޮށްފައިވާ އިރު، މި މައްސަލަތަކުގައި އާންމުންގެ އަތުން 35 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި މައްސަލަތަކަކީ އާންމު ފަރުދުންނާއި ކުދި ވިޔަފާރިވެރިން އަދި އާއިލާތަކުން އެއްކުރި ފައިސާ، މަކަރާއި ހީލަތުގެ ދަލުގައި ޖެހިގެން ގެއްލިގެންދިޔަ ހާދިސާތަކެކެވެ. މިއީ ހަމައެކަނި ތަފާސްހިސާބުގެ ނަންބަރުތަކެއް ނޫން ކަމަށާއި، މިކަމުން ދޭހަވަނީ މުޖުތަމައުގައި މިފަދަ އޮޅުވާލުންތައް އިތުރުވަމުންދާ މިންވަރު ކަމަށް ފުލުހުން ފާހަގަކުރެއެވެ.
ފުލުހުންގެ ހިސާބުތައް ދައްކާގޮތުން ގެއްލުނު 35,144,703.32 (35.1 މިލިއަން) ރުފިޔާގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 13,296,072.51 (13.3 މިލިއަން) ރުފިޔާއެވެ. މިއީ ގެއްލުނު މުޅި ޖުމްލަ ފައިސާގެ ތެރެއިން ވަކި މިންވަރެކެވެ.
ޖުމުލަ 3,000 މައްސަލައިގެ ތެރެއިން ފައިސާ އެއްކޮށް އަނބުރާ ހޯދިފައިވަނީ 1,196 މައްސަލައެއްގައެވެ. އަދި 279 މައްސަލައެއްގައި ފައިސާގެ ބައެއް އަނބުރާ ހޯދިފައިވެއެވެ. ފައިސާ ގެއްލުމަށްފަހު އެ ފައިސާ އަނބުރާ ހޯދުމަކީ އިންތިހާއަށް ބުރަ މަސައްކަތެއް ކަމާއި، ބައެއް ހާލަތްތަކުގައި ފައިސާ އެއްކޮށް ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑުކަން މި އަދަދުތަކުން އެނގޭ ކަމަށް ފުލުހުން ފާހަގަކުރެއެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ އީ-ކޮމާސް ސްކޭމްތަކެވެ. މިފަދަ 1,478 މައްސަލައެއް އެންޓި ސްކޭމް ސެންޓަރަށް ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 540 ސްކޭމްގެ މައްސަލައެއް ވަނީ ފާހަގަކުރެވިފައެވެ. އަދި އެކި ފަރާތްތަކުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ހިންގި އިމްޕާސަނޭޝަންގެ 439 މައްސަލައެއްވެސް ރިޕޯޓުކޮށްފައިވެއެވެ.
މިފަދަ އޮޅުވާލުންތައް އާންމުކޮށް ހިންގަނީ މީހުން ދުވަހުން ދުވަހަށް ބޭނުންކުރާ ސޯޝަލް މީޑިއާ އަދި މުވާސަލާތީ މަންސަތައް މެދުވެރިކޮށެވެ. އެންމެ ގިނައިން މައްސަލަތައް ރިޕޯޓުކުރެވިފައިވަނީ ފޭސްބުކް މާކެޓްޕްލޭސް އަދި ވައިބާ މެދުވެރިކޮށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް 1,093 މައްސަލަ އަދި ވައިބާ މެދުވެރިކޮށް 911 މައްސަލަ ހިންގާފައިވެއެވެ. މީގެ އިތުރުން ފޭސްބުކް، ފޯނު ކޯލް، އައިބޭ، ޓެލެގްރާމް، ވަޓްސްއަޕް، އިންސްޓަގްރާމް އަދި ޓިކްޓޮކް މެދުވެރިކޮށްވެސް މިފަދަ ސްކޭމްތައް ހިންގާފައިވާކަން ފުލުހުންގެ މައުލޫމާތުން އެނގެއެވެ.
މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި އޮންލައިންކޮށް ފެންނަ ކޮންމެ އިޝްތިހާރަކީ ނުވަތަ ލިބޭ މެސެޖަކީ ތެދު މައުލޫމާތު ކަމަށް ނުބެލުމަށް ފުލުހުން އިލްތިމާސްކުރެއެވެ. ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން ނުވަތަ އަމިއްލަ މައުލޫމާތެއް ހިއްސާކުރުމުގެ ކުރިން ރަނގަޅަށް ވިސްނައި، މުއާމަލާތް ކުރެވޭ ފަރާތަކީ ކާކުކަން ޔަގީންކުރުން މުހިންމެވެ.
ފުލުހުން ބުނީ އަވަސް އަރުވާލައިގެން ފައިސާ ފޮނުވަން ކުރާ ޑިމާންޑްތަކަށް އާންމުން ސަމާލުވާންޖެހޭ ކަމަށާއި އަދި އޯޓީޕީ، ޕާސްވޯޑް، ނުވަތަ ބޭންކިން މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާނުކުރުމަށާއި، ޝައްކު އުފެދޭ ކަމެއް ކުރިމަތިވެއްޖެނަމަ ލަސްނުކޮށް ކަމާބެހޭ އިދާރާއަކަށް ރިޕޯޓުކުރުމަށް އެދޭ ކަމަށެވެ.
ރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ މަގުސަދުގައި، އެންޓި ސްކޭމް ސެންޓަރުގެ ނަމުގައި ފުލުހުންގެ ހާއްސަ މަރުކަޒެއް ގާއިމުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް