މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބޭއްވި މިޔަޓް ސްޕޯޓްސް ފިއެސްޓާގެ އަންހެން ފުޓްސަލް މުބާރާތް، މިޔަޓް ފެމީނާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މާފުށީ ކަންއުންސިލް އަންހެން ފުޓްސަލް ޓީމުން ހޯދައިފިއެެވެ.

ތުލުސްދުއަށް ކުޅިވަރު އީދެއް އައިސްފައިވާ އިރު، މިޔަޓް ސްޕޯޓްސް ފިއެސްޓާގެ އެންމެ ބޮޑު ހަރަކާތް، މިޔަޓް ފުޓްސަލް ޗެލެންޖް މިހާރު ވަނީ ސެމީ ފައިނަލާ ހަމައަށް ގޮސްފައެވެ. އަދި މިޔަޓް ޔުނިޓީ ރަންވެސް ނިންމާލާފައިވާ އިރު، އިއްޔެ ހަވީރުން ފެށިގެން ރޭވެސް ކުރިއަށް ދިޔައީ ފެމީނާ ފުޓްސަލް މުބާރާތެވެ. މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ފެނިގެންދިޔަ މުބާރާތަށް އަތޮޅު ތެރޭގެ ރަށްރަށުން ތައްޔާރުވެފައިވާ އިރު، މުބާރާތުގައި ޖުމުލަ ހަތަރު ޓީމު ވާދަކުރިއެވެ.

އެއީ ކަންމަތި ލޭޑީސް، ދިއްފުށީ ވުމަންސް އެފްޓީ، މާފުށީ ކައުންސިލް އަންހެން ފުޓްސަލް ޓީމް އަދި ހިންމަފުށި ވުމަންސް އެފްޓީއެވެ.

މުބާރާތުގައި ފުރަތަމަ ލީގު ބުރެއް ކުޅެ ފައިނަލަށް ދެ ޓީމު ދަތުރުކުރި އިރު، މާފުށިން ފައިނަލުގައި ދިއްފުށި ބަލިކުރީ 1-0 އިންނެވެ. މެޗުގެ ފަހުކޮޅުގައި ހަމައެކަނި ގޯލް ޖަހައިދިނީ މަރިޔަމް ނޫރާއެވެ. ނޫރާއަކީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ.

ރޭ ނިމުނު މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ހިންމަފުށީގެ އައިޝަތު ވިޝާނާ އިލްހާމެވެ. އަދި އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ދިއްފުށީގެ މަރިޔަމް ނިޒްލީއާއި އާމިނަތު ރިސާލާ އަދި އައިޝަތު ލައިބާ ޒާހިރުގެ އިތުރުން މާފުށީގެ ނޫރާ، ޝިޔާނާ އަހުމަދު ޒުހައިރެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ގައުމީ ފުޓުބޯޅަ ޓީމުގެ ނޫރާ ހޮވުނު އިރު، އޭނާއަށް ވަނީ ތާޖުވެސް އަރުވައިފައެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، ނޫރާ --- ފޮޓޯ/ މިޔަޓް

އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ ދީފައިވެއެވެ.