އީރާނުން ހަނގުރާމަ ފުޅާކުރަން ބޭނުން ނުވާ ކަމަށާއި ނަމަވެސް މަޖުބޫރުކުރުވުންތަކަށް ދޫ ނުދޭނެ ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ. ރައީސް ޕެޒެޝްކިއަން މިހެން ވިދާޅުވީ، ސަރަހައްދީ ނުތަނަވަސްކަމާ ގުޅޭގޮތުން އީރާނުގެ ދައުލަތުގެ ޓީވީ، އައިއާރުއައިބީއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޕެޒެޝްކިއަން ވިދާޅުވި ގޮތުގައި، އީރާނުގެ އަމާޒަކީ އެ ގައުމުގެ ދިފާއީ ގާބިލުކަން އިތުރުކުރުމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމެވެ. އަދި އެހެން ގައުމުތަކަށް ހަމަލާދިނުމަށް ނުވަތަ ސަރަހައްދު ފުޅާކުރުމަށް އީރާނުން މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ސިޔާސަތު އިސްރާއީލާ އަޅައި ކިޔުއްވައި ޕެޒެޝްކިއަން ވިދާޅުވީ، އިސްރާއީލުން މަސައްކަތްކުރަނީ ސަރަހައްދު ފުޅާކުރުމަށް ކަމަށާއި ނަމަވެސް އީރާނުން ބޭނުންވަނީ އަވަށްޓެރި ގައުމުތަކާއެކު ސުލްހަވެރިކަމާއެކު އުޅުމަށް ކަމަށެވެ. މީގެ އިތުރުން، އީރާނުގެ ދިފާއީ ބާރުވެރިކަން ދޫކޮށްލުމަށް އެއްވެސް އިރެއްގައި އެއްބަސްވެވަޑައިނުގަންނަވާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މި އިންޓަވިއުގައި ޕެޒެޝްކިއަން ވަނީ، އީރާނަށް ހަމަލާދިނުމަށް ގަލްފުގެ ގައުމުތަކުގައިވާ އަސްކަރީ މަރުކަޒުތައް އެމެރިކާއިން ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތު ތަކުރާރުކުރައްވައިފައެވެ. ޕެޒެޝްކިއަން ވިދާޅުވި ގޮތުގައި، އެމެރިކާއިން މަސައްކަތްކުރަނީ އީރާނާއި ސަރަހައްދުގެ އެހެން ގައުމުތަކާ ދެމެދު ބައިބައިވުން އުފެއްދުމަށެވެ. އަދި މުސްލިމު ގައުމުތަކުގެ މެދުގައި ހަމަނުޖެހުން އުފެދެން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަވަށްޓެރި ގައުމުތަކާއެކު އޮތް ގިނަ މައްސަލަތަކެއް އީރާނުން މިހާރު ހައްލުކޮށްފައިވާ ކަމަށް ޕެޒެޝްކިއަން ވިދާޅުވިއެވެ. އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތަކާއި އިންޒާރުތައް ހުއްޓާލައިފިނަމަ، ސަރަހައްދީ ނުތަނަވަސްކަން ކުޑަވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މަޝްވަރާގެ އުސޫލުން މައްސަލަތައް ހައްލުކުރުމަށް އީރާނުން ތާއީދުކުރާ ކަމަށާއި، މަޝްވަރާ މެދުވެރިކޮށް ހައްގުތައް ކަށަވަރުކުރެވެން އޮއްވައި ހަނގުރާމައަކަށް ދާން ބޭނުންނުވާ ކަމަށް ޕެޒެޝްކިއަން ވިދާޅުވިއެވެ.