ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަ ކަމަށް ތުހުމަތުކުރެވޭ މީހަކު ސ. މަރަދޫން ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ ފަސްވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ / ފާގަތި، އަބްދުﷲ އުމަރު (58އ) އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން މިރޭ ބުނީ ވަގަށް ނަގާ ތަކެތި ނުއަގުގައި ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ގަން ޕޮލިސް ސްޓޭޝަނުން ކުރަމުން އަންނަ ހާއްސަ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނުގައި، ސ. މަރަދޫ / ފާގަތިގެ ފުލުހުން ބަލައިފާސްކުރި އިރު، ނުއަގުގައި ގަނެފައިވާ ކަމަށް ބެލެވޭ 65 އައިޓަމެއް ފެނިފައިވާ ކަމަށެވެ.

އެ ތަކެއްޗަކީ އައްޑޫ ސިޓީގެ އެކި ގޭގެއިން އެކި މީހުން ވަގަށްނަގައިގެން ވިއްކާފައިވާ ތަކެތި ކަމަށާއި އޭގެ ތެރޭގައި ޕަވާ ޓޫލް، ކާޗާ މެޝިން، ސްޕީކަރާއި ލައިޓުގެ އިތުރުން އެހެނިހެން ސާމާނު ހިމެނޭ ކަމަށެވެ. އަދި އެ ތަކެތީގެ ތެރެއިން ބައެއް ތަކެތި މިހާރު ވަނީ ވެރިފަރާތްތަކާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ވަގަށް ނަގައިގެން އެކި މީހުން ވިއްކާ ތަކެތި ނުގަތުމަށާއި، ތުހުމަތުކުރެވޭ އަދި ނުއަގުގައި ތަކެތި ވިއްކާނަމަ ފުލުހުންނަށް އެކަން ރިޕޯޓުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން އެ ތަކެތި ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ކަށަވަރެއް ނުވެއެވެ.