މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބާއްވާ ކ. އަތޮޅުގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތް، މިޔަޓް ސްޕޯޓްސް ފިއެސްޓާގެ މިޔަޓް ފުޓްސަލް ޗެލެންޖްގެ ގްރޫޕް ސްޓޭޖުގައި ރޭ ހޯދި މޮޅާއެކު އެޕޮކަލިޕްސް އެސްސީން ސެމީ ފައިނަލް ޔަގީންކުރި އިރު، ކަންމަތި އެންޖީ ބަލިކޮށް، ކަންމަތި އެފްސީން ގްރޫޕް ބީގެ އެއްވަނަ ޔަގީން ކޮށްފިއެވެ.

މިޔަޓް ފުޓްސަލް ޗެލެންޖްގައި ނުވަ ޓީމަކުން ވާދަކުރަމުންދާ އިރު، ގްރޫޕް އޭގައި ފަސް ޓީމު ހިމެނެއެވެ. ގްރޫޕް ބީގެ ކުޅުން ރޭ ނިމިފައިވާ އިރު، ގްރޫޕް އޭއިންވެސް ސެމީއަށް ދަތުރުކުރި ދެޓީމު ވަނީ ޔަގީންވެފައެވެ. އެ ގްރޫޕްގެ އެއްވަނަ އެނގޭނީ މިރޭ އެޕޮކަލިޕްސް އެސްސީން އެކްސް ބޯއީސްއާ ދެކޮޅަށް ކުޅޭ މެޗުންނެވެ.

މިވަގުތު ގްރޫޕްގެ އެއްވަނައިގައި ގޯލްގެ ފަރަގުން އޮތް އެޕޮކަލިޕްސް އެސްސީން ރޭ އެޕޮކަލިޕްސް އެފްސީ ބަލިކުރީ 14-4 ގެ ނަތީޖާއަކުންނެވެ.

އެޕޮކަލިޕްސް އެސްސީގެ ހުސައިން ޝަރީފް (އޮންލީ) ހަތަރު ގޯލް ޖެހި އިރު، އަހުމަދު އަފްލާޒާއި އަބްދުﷲ ޝައްފާން (ޝާކާ) ހެޓްރިކް ފުރިހަމަ ކުރިއެވެ. އަނެއް ގޯލްތައް ޖެހީ އިބްރާހީމް މުބީން ރަޝީދު (މުއްކި) އާއި މުހައްމަދު މަޒީންގެ އިތުރުން މުހައްމަދު ނައުފަލް އަލީއެވެ. އޭގެ އިތުރުން ހުސައިން ވިއާމް އަތުން ބައިކޮޅަށްވެސް ގޯލެއް ވަނެވެ.

އެޕޮކަލިޕްސް އެފްސީގެ ގޯލްތައް ޖެހީ މުހައްމަދު މިދުހަތާއި މުހައްމަދު ނިޝާހާއި އިބްރާހީމް ރަޝްލާން އަދި އައިހަމް ސައީދެވެ.

ކަންމަތި އެފްސީން ގްރޫޕް އެއްވަނަ ހޯދީ ކަންމަތި އެންޖީ 11-3 އިން ބަލިކޮށްގެންނެވެ. މެޗުގައި ކަންމަތި އެފްސީގެ ހުސައިން ސުހައިލް (ސޮކޭ) އާއި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އަދި އަހުމަދު ހަމީދު (އަންމަޑޭ)، ކޮންމެ ކުޅުންތެރިޔަކު ހެޓްރިކް ފުރިހަމަ ކުރި އިރު، އަނެއް ގޯލް ޖެހީ މަހުދީ ނިޒާރާއި އަބްދުﷲ ޝާފިއު (ޝާއްޕެ)އެވެ.

ކަންމަތީ އެންޖީގެ އަލީ އަރުޝަމް ދެ ގޯލް ޖެހި އިރު، އަހުމަދު ޝައްފާންވެސް ގޯލް ޖެހިއެވެ. މެޗުގައި އަހުމަދު ނަސީމަށް ރަތް ކާޑެއް ދައްކާފައިވެއެވެ.

ހުސައިން ޝަރީފް (އޮންލީ) ބޯޅައާއެކު --- ފޮޓޯ/ އިމޭޖަސް އެމްވީ

މިއީ މިޔަޓް ފުޓްސަލް ޗެލެންޖް ކުރިއަށްދާ ހަވަނަ ފަހަރެވެ. ކ. އަތޮޅުގެ އެންމެ ޝަރަފުވެރި، އެންމެ އަގުބޮޑު މުބާރާތް މިފަހަރު އެނބުރި އައިސްފައި ވަނީ ޖުމުލަ ނުވަ ޓީމަކާއެކުގައެވެ. ޗެމްޕިއަން ޓީމަށް މިއަހަރު ވެސް 75،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.

މިޔަޓް ފުޓްސަލް ޗެލެންޖްގެ ގްރޫޕް ސްޓޭޖުގެ ދެމެޗު މިރޭވެސް އޮންނާނެއެވެ.

މިރޭ އޮންނަ މެޗުތައް

21:00 ވޭލިއަންޓް އެސްސީ - އެޕޮކަލިޕްސް އެފްސީ

22:00 އެކްސް ބޯއީސް - އެޕޮކަލިޕްސް އެސްސީ