މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ތަންތަނެއް ބަލައި ފާސްކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިއުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންދަން ހުށަހެޅުއްވީ މާލެ ސިޓީ ކައުންސިލްގެ މިއަދުގެ އާއްމު ޖަލްސާގައި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ހައްވާ ޝިފާނާއެވެ.

ޝިފާނާގެ މި ހުށަހެޅުން މިއަދު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

ޝިފާނާ ވިދާޅުވީ، މާލޭގެ ހަނި ގޯޅިތަކުގައި ބިދޭސީންނަށް ކާންދޭ ތަންތަނާއި ހޮޓާތައް ވަރަށް ގިނަވެފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ގިނަ ރައްޔިތުންގެ ޝަކުވާތައް ކައުންސިލަށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ތަންތަން އިންސްޕެކްޓް ކުރުމުގެ ބިޔަ ހަރަކާތެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)، ފުލުހުން އަދި އިމިގްރޭޝަނާ ގުޅިގެން ހިންގަން އޭނާ ހުށަހެޅުއްވިއެވެ.

މި ހަރަކާތުގައި ކޮންމެ އިދާރާއަކަށްވެސް ވަނީ ހާއްސަ ދައުރުތަކެއް ކަނޑައެޅިފައެވެ. އެގޮތުން އެޗްޕީއޭ އިން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަލާއިރު، ފުލުހުންގެ ދައުރަކީ މި ހަރަކާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމެވެ. އަދި އިމިގްރޭޝަނުން އެ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަކީ ގާނޫނުގެ ތެރެއިން މަސައްކަތްކުރާ ބައެއްތޯ ބަލައި ކަށަވަރުކުރާނެއެވެ.

މި ހަރަކާތް އިދާރާތަކުން ހިންގާތޯ ބަލައި، އެކަން މޮނީޓާކުރުމަކީ ކައުންސިލްގެ ޒިންމާއެއްގެ ގޮތުގައި ޝިފާނާ ވަނީ ހުށަހަޅުއްވާފައެވެ. އޭނާ އިތުރަށް ވިދާޅުވީ، މިއީ ހަމައެކަނި ނަމަކަށް ހިންގާ ކަމެއްގެ ބަދަލުގައި ހަގީގީ ނަތީޖާ ނެރެވޭނެ ހަރަކާތަކަށް ހަދަން ބޭނުންވާ ކަމަށެވެ.