މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބާއްވާ ކ. އަތޮޅުގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތް، މިޔަޓް ސްޕޯޓްސް ފިއެސްޓާގެ މިޔަޓް ފުޓްސަލް ޗެލެންޖްގެ ގްރޫޕް ސްޓޭޖުގައި ރޭ ދިއްފުށި އެފްޓީން ވޭލިއަންޓް އެސްސީ ކޮޅަށް 16 ގޯލް ޖެހި އިރު، ބްލެކް އީގަލްސްއިންވެސް ބޮޑު މޮޅަކާއެކު ސެމީ ފައިނަލް ޔަގީން ކޮށްފިއެވެ.

މިޔަޓް ފުޓްސަލް ޗެލެންޖްގައި ނުވަ ޓީމަކުން ވާދަކުރަމުންދާ އިރު، ގްރޫޕް އޭގައި ފަސް ޓީމު ހިމެނެއެވެ. ގްރޫޕް އޭގެފައި އެންމެފަހުގެ ޗެމްޕިއަން ދިއްފުށިން އުންމީދެއް ހޯދުމަށް ކުރި މަސައްކަތުގައި ރޭ ވޭލިއަންޓް ބަލިކުރީ 16-4 އިންނެވެ.

ދިއްފުށިން މިހާތަނަށް ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ނިންމާފައިވާ އިރު، އެޓީމު ދެވަނައިގައި އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކުގައެވެ. އެ ގްރޫޕުން އެކްސް ބޯއީސް ސެމީ ޔަގީން ކޮށްފައިވާ އިރު، އަނެއް ޖާގައިގެ އުންމީދު އެންމެ ބޮޑުކޮށް އޮތީ އެޕޮކިޕްސް އެސްސީއަށެވެ. އެއީ ދެމެޗުން ހަ ޕޮއިންޓާއެކު ތިންވަނައިގައި އޮތުމުންނެވެ. އެޓީމަށް ބާކީ ދެމެޗު އޮތް އިރު، އެއް ޕޮއިންޓުންވެސް ސެމީއަށް ދެވޭނެއެެވެ.

ރޭ ދިއްފުށީގެ އަހުމަދު މާޒިންނާއި ރިޝާން ރިޝްވާން، ރިލްވާން ރަޝީދު، މުހައްމސދު ޝަމީމް، ކޮންމެ ކުޅުންތެރިޔަކު ހެޓްރިކެއް ހެދި އިރު، ޒައިން ޒަފަރާއި މުހައްމަދު އަސްލަމްވެސް ގޯލް ޖެހިއެވެ. އޭގެ އިތުރުން ހިސާން އަބްދުއް ޝުކޫރު ވަނީ ދެ ގޯލް މެޗުގައި ޖަހައިފައެވެ.

ވޭލިއަންޓްގެ ގޯލްތައް ޖެހީ ހުސައިން ވިއާމް ވާފިރާއި އަހުމަދު ޝިފާއު މުއާޒްގެ އިތުރުން ހަސަން ޔޫންއާއި އަހުމަދު ސާއިން ސިއްދީގެވެ.

ގްރޫޕް ބީން ބްލެކް އީގަލްސް ސެމީ ޔަގީންކުރީ ރޭ 10-0 އިން އެފްސީ ކުޑަ ވިލިނގިލި ބަލިކޮށްގެންނެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހަ ޕޮއިންޓާއެކު ބްލެކް އީގަލްސް އެ ގްރޫޕްގެ ދެވަނައިގައި އޮތް އިރު، ދެން ގްރޫޕް ސްޓޭޖުގައި ބާކީ އޮތީ އެއްވަނައިގައި އޮތް ކަންމަތި އެފްސީއާއި ތިންވަނައިގައި އޮތް ކަންމަތި އެންޖީ ކުޅޭ މެޗެވެ. ކަންމަތި އެފްސީއަށް ދެމެޗުން ހަ ޕޮއިންޓާއެކު ފައިދާ 13 ގޯލް ލިބިފައިވެއެވެ. ކަންމަތި އެންޖީއަށް ދެމެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، އެޓީމުން ސެމީއަށް ދާނަމަ ކަންމަތި އެފްސީ ކޮޅަށް ގިނަ ގޯލްތަކެއް ޖަހަން ޖެހޭނެއެވެ.

ބްލެކް އީގަލްސްއަށް ރޭގެ މެޗުގައި ގޯލްތައް ޖަހައިދިނީ ހުސައިން އަފްސަލްއާއި އަބްދުﷲ ސުޒައިރު، މުހައްމަދު ފާރިޝް އާދަމް، މުހައްމަދު އުނައިސް ބިން ނޫހް އަދި މުހައްމަދު އިސާމް (ޝަންޓެ) އެވެ.

ޝަންޓެއާއި އަފްސަލް މެޗުގައި ހެޓްރިކް ހެދި އިރު، ސުޒައިރު ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.

މާޒިން ބޯޅާއާއެކު މަސައްކަތް ކުރަނީ --- ފޮޓޯ/ އިމޭޖްސް އެމްވީ

މިއީ މިޔަޓް ފުޓްސަލް ޗެލެންޖް ކުރިއަށްދާ ހަވަނަ ފަހަރެވެ. ކ. އަތޮޅުގެ އެންމެ ޝަރަފުވެރި، އެންމެ އަގުބޮޑު މުބާރާތް މިފަހަރު އެނބުރި އައިސްފައި ވަނީ ޖުމުލަ ނުވަ ޓީމަކާއެކުގައެވެ. ޗެމްޕިއަން ޓީމަށް މިއަހަރު ވެސް 75،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.

މިޔަޓް ފުޓްސަލް ޗެލެންޖްގެ ގްރޫޕް ސްޓޭޖުގެ ދެމެޗު މިރޭވެސް އޮންނާނެއެވެ.

މިރޭ އޮންނަ މެޗުތައް

21:00 އެޕޮކަލިޕްސް އެސްސީ - އެޕޮކަލިޕްސް އެފްސީ

22:00 ކަންމަތި އެފްސީ - ކަންމަތި އެންޖީ