އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ގައްޒާގެ ސުލްހައިގެ ޕްލޭންގެ ދަށުން ހަމަލާތައް މެދުކަނޑާލުމަށާއި ސިފައިން ފޭބުމަށް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅުހައްދަވައިފިއެވެ. އިސްރާއީލުގެ ނޫހެއް ކަމަށްވާ “އިސްރާއީލް ހަޔޯމް” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަތަންޔާހޫ މިކަން ހާމަކުރެއްވީ “ބޯޑް އޮފް ޕީސް”ގެ ފަރާތުން ގައްޒާއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ނިކޮލޭ މިލަޑެނޯވްއާ އެކު ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.
ނަތަންޔާހޫ ވިދާޅުވި ގޮތުގައި، އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައިވާ ގައްޒާގެ ސަރަހައްދުތަކުން އެ ގައުމުގެ ސިފައިން ނުފައިބާނެއެވެ. އަދި ހަމަލާތައް ވެސް މެދުކަނޑައެއް ނުލާނެއެވެ. ނަތަންޔާހޫ ތުހުމަތުކުރެއްވި ގޮތުގައި، ހަމާސްއިން ދަނީ އެ ޖަމާއަތުގެ އަސްކަރީ ގާބިލުކަން އަލުން ބިނާކުރަމުންނެވެ. އެހެންކަމުން، ހަމާސްގެ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށް ފަހު މެނުވީ އިސްރާއީލުން ފަހަތަށް ނުޖެހޭނެ ކަމަށް ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މީގެ ކުރިން އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ވެސް ވަނީ މި ޕްލޭނާ ގުޅޭ ގޮތުން ނަތަންޔާހޫގެ ކަންބޮޑުވުންތައް ޓްރަމްޕްގެ ޓީމަށާއި ބޯޑް އޮފް ޕީސްއަށް ހުށަހަޅައިފައެވެ.
މިކަމާ ގުޅިގެން އެމެރިކާގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ 20 ނުކުތާގެ ޕްލޭނާ އެއްގޮތަށް އިސްރާއީލުން އަމަލު ނުކޮށްފި ނަމަ، ޓްރަމްޕް ވަރަށް ބޮޑަށް މާޔޫސްވެވަޑައިގަންނަވާނެއެވެ. ނަމަވެސް، ޓްރަމްޕް ކުރިން ވިދާޅުވެފައިވަނީ ހަމާސްއިން ހަތިޔާރު ދޫކޮށްލުމަށް އެއްބަސްވުމާ ގުޅިގެން އިސްރާއީލުން އޮތީ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ. ބޯޑް އޮފް ޕީސްއިން ހުކުރު ދުވަހު އާންމުކުރި ޑްރާފްޓް އެއްބަސްވުމުގައި، ޓްރަމްޕްގެ ޕްލޭންގެ ދެވަނަ މަރުހަލާ ތަންފީޒުކުރާނެ ގޮތްތައް ވަނީ ބަޔާންކޮށްފައެވެ.
ގައްޒާގެ މައްސަލައިގައި އެމެރިކާއާއި އިސްރާއީލާ ދެމެދު ހިޔާލުތަފާތުވުންތައް އުފެދިފައިވާއިރު، ޓްރަމްޕްގެ ޕްލޭން ތަންފީޒުކުރުމާ މެދު އިސްރާއީލުގެ ކެބިނެޓުގައި ވެސް ދަނީ ބަހުސްކުރަމުންނެވެ. އިސްރާއީލުގެ ކަނާތުފިޔައިގެ ބައެއް ވަޒީރުން ވަނީ މި ޕްލޭން ގަބޫލު ނުކުރުމަށް ނަތަންޔާހޫއަށް ގޮވާލައްވާފައެވެ.
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
ކޮމެންޓް