މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބާއްވާ ކ. އަތޮޅުގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތް، މިޔަޓް ސްޕޯޓްސް ފިއެސްޓާގެ މިޔަޓް ފުޓްސަލް ޗެލެންޖްގެ ގްރޫޕް ސްޓޭޖުގައި އެކްސް ބޯއީސްއިން ކުޅުނު ތިންވަނަ މެޗުވެސް ކާމިޔާބުކޮށް، ގްރޫޕް އޭ އިން ސެމީ ފައިނަލްގެ ޖާގައެއް ޔަގީންކުރި އިރު، ބޮޑު މޮޅަކާއެކު ކަންމަތި އެފްސީވެސް ސެމީއާ ގާތަށް ޖެހިލައިފިއެވެ.

މިޔަޓް ފުޓްސަލް ޗެލެންޖްގައި ނުވަ ޓީމަކުން ވާދަކުރަމުންދާ އިރު، ގްރޫޕް އޭގައި ފަސް ޓީމު ހިމެނެއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ހަތަރު ޓީމެވެ. ވަރުގަދަ ސްކޮޑަކާއެކު މިފަހަރު މުބާރާތަށް ނުކުތް އެކްސް ބޯއީސްއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިންވަނަ މެޗުގައި މިރޭ އެޕޮކަލިޕްސް އެފްސީ ބަލިކުރީ 7-0 އިންނެވެ.

އެ ނަތީޖާއާއެކު އެޓީމަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ދެން ގްރޫޕް ސްޓޭޖުގައި ބާކީ އޮތީ އެޕޮކަލިޕްސް އެސްސީއާ ދެކޮޅަށް ކުޅޭ މެޗެވެ. އެމެޗުން ގްރޫޕް އެއްވަނަ ޔަގީންކުރަން އެކްސް ބޯއީސްއަށް ފުރުސަތު އެބައޮތެވެ. އެ ގްރޫޕްގެ ދެވަނައިގައި މިވަގުތު އޮތީ އެޕޮކަލިޕްސް އެސްސީއެވެ. އެއީ ދެމެޗުން ހަ ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި ދިއްފުށި އެފްޓީ ތިން މެޗުން ތިން ޕޮއިންޓާއެކު އޮތް އިރު، ހަތަރު ވަނައިގައި އޮތް ވޭލިއަންޓް އެސްސީއާއި ފަސްވަނައިގައި އޮތް އެޕޮކަލިޕްސް އެފްސީއަށް ދެމެޗުން އަދި ޕޮއިންޓެއް ނުލިބެވެ.

މިރޭ އެކްސް ބޯއީސްއަށް އިބްރާހީމް ރިމާހް (ރިމޭ)، އަލީ މާއިސް (މައްޓު) ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިދިން އިރު، ދެން ގޯލްތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) އާއި އިސްމާއީލް ވަޖީހު (ވައްޖެ)ގެ އިތުރުން ޝަނާން ރަޝާދެވެ.

ގްރޫޕް ބީގެ އެއްވަނައަށް ކަންމަތި އެފްސީ ޖެހިލީ 13-3 އިން ކުޑަ ވިލިނގިލި ބަލިކޮށްގެންނެވެ. ކަންމަތި ދެމެޗުން ދެ މޮޅު ހޯދާފައިވާ އިރު، އެ ގްރޫޕްގެ ދެވަނައިގައި އޮތް ބްލެކް އީގަލްސްއާއި ތިންވަނައިގައި އޮތް ކަންމަތި އެންޖީއަށްވެސް ދެމެޗުން ތިން ޕޮއިންޓް ލިބިފައިވެއެވެ. ކުޑަ ވިލިނގިލި އަދި ޕޮއިންޓެއް ނުލިބި ކަޓާފައި އޮތް އިރު، ގްރޫޕުން ސެމީއަށް ދާ ޓީމުތައް ޔަގީންވާނީ ފަހު މެޗުތަކުންނެވެ. އެހެންނަމަވެސް ކަންމަތި އެފްސީ ކަޓާނީ ބޮޑު ތަފާތަކުން ބަލިވެއްޖެ ހާލަތެއްގައި އެކަންޏެވެ.

ކަންމަތި އެފްސީގެ އަބްދުﷲ ޝާފިއު (ޝާއްޕެ) މެޗުގައި ފަސް ފޯލް ޖެހި އިރު، ހުސައިން ސުހައިލް (ސޮކޭ) އާއި އަހުމަދު ބައްސާމް މުހައްމަދު ނައީމްވެސް ހެޓްރިކް ފުރިހަމަ ކުރިއެވެ އަދި އަނެއް ގޯލްތައް ޖެހީ އަބްދުލް ބާސިތު ބިން އަބްދުލް ވާހިދާއި އަހުމަދު ނިޒާމެވެ. ކުޑަ ވިލިނގިލީގެ އަހުމަދު ފަޔާޒާއި އަބްދުﷲ އާމިން އަލީ ގޯލް ޖެހި އިރު އަނެއް ގޯލަކީ ކަންމަތީގެ ކީޕަރު ތޮލާލް ހަސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ޝާއްޕެ ބޯޅައާއެކު، މިރޭގެ މެޗުގައި އޭނާ ފަސް ގޯލް ޖެހި --- ފޮޓޯ/ އިމޭޖަސް އެމްވީ

މިއީ މިޔަޓް ފުޓްސަލް ޗެލެންޖް ކުރިއަށްދާ ހަވަނަ ފަހަރެވެ. ކ. އަތޮޅުގެ އެންމެ ޝަރަފުވެރި، އެންމެ އަގުބޮޑު މުބާރާތް މިފަހަރު އެނބުރި އައިސްފައި ވަނީ ޖުމުލަ ނުވަ ޓީމަކާއެކުގައެވެ. ޗެމްޕިއަން ޓީމަށް މިއަހަރު ވެސް 75،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.

މިޔަޓް ފުޓްސަލް ޗެލެންޖްގެ ގްރޫޕް ސްޓޭޖުގެ ދެމެޗު މާދަމާ ރޭވެސް އޮންނާނެއެވެ.

މާދަމާ ރޭގެ މެޗުތައް

21:00 ދިއްފުށި އެފްޓީ - ވޭލިއަންޓް އެސްސީ

22:00 އެފްސީ ކުޑަ ވިލިނގިލި - ބްލެކް އީގަލްސް