މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުގައި ރައްޔިތުންނަށް ގެއްލުނު މިދިޔަ ހަފުތާ ގެއްލުނު ތިން ލައްކައަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ދޮޅު ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ، މިދިޔަ ޖުލައި މަހުގެ 26 އިން އޮގަސްޓް އެކެއްގެ ނިޔަލަށް ހިންގި ސްކޭމްގެ 42 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މުއްދަތުގައި ރިޕޯޓު ކުރި މައްސަލަތަކުގައި ޖުމްލަ 334,549.00 ރުފިޔާގެ މާލީ ގެއްލުން ރައްޔިތުންނަށް ލިބިފައިވާ އިރު، ފުލުހުންގެ އަވަސް މަސައްކަތުން އޭގެ ތެރެއިން 163,558.00 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށެވެ. މިއީ މާލީ ކުށްތައް ހުއްޓުވުމަށާއި ރައްޔިތުންގެ މުދާ ރައްކާތެރި ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުން ހުރި ސްކޭމްތަކެވެ. އެގޮތުން 15 މައްސަލައެއް (35.71 އިންސައްތަ) ރިޕޯޓުކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައީ ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާފައިވާ އޮޅުވާލުންތަކެވެ. މިފަދަ 11 މައްސަލައެއް (26.19 އިންސައްތަ) ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ އަށް މައްސަލައެއް (19.05 އިންސައްތަ) އަދި އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ތިން މައްސަލައެއް (7.14 އިންސައްތަ) ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެހެނިހެން ގޮތްގޮތުން ހިންގާފައިވާ ސްކޭމްގެ ފަސް މައްސަލައެއް (11.90 އިންސައްތަ) މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި ހަފުތާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް ހަ މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.