އެމެރިކާގެ ވޮޝިންޓަން ސްޓޭޓްގެ އިރުމަތީގައި ރޯވެފައިވާ ޖަންގަލީގެ އަލިފާނުގެ ސަބަބުން 60،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ. ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މިހާތަނަށް 600 އަށް ވުރެ ގިނަ ގެއާއި ވިޔަފާރި ކުރާ އިމާރާތްތައް ވަނީ އަނދައިގެން ގޮސްފައެވެ.
ސްޕޮކޭންގެ ފަޔަރ ޗީފް ޓޮމް ވިލިއަމްސް ބުނި ގޮތުގައި، ތިން ސަރަހައްދެއްގައި ރޯވެފައިވާ މި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން އަންގާފައިވާ ސަރަހައްދުތަކަށް އަލިފާނުގެ ނުރައްކާ ބޮޑުވަމުންދާ ކަމަށް އޭނާ ފާހަގަކުރިއެވެ. ފާއިތުވި ހަފުތާބަންދުގައި އެކަނިވެސް ސްޕޮކޭން ސަރަހައްދުގެ 21 އަކަކިލޯމީޓަރުގެ ސަރަހައްދެއް ވަނީ އަނދައިގެން ގޮސްފައެވެ.
ސްޕޮކޭންގެ މޭޔަރު ލީސާ ބްރައުން ވިދާޅުވި ގޮތުގައި، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ނުވަތަ އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، ގެއްލުންވި މިންވަރު ބެލުމުގެ މަސައްކަތް ކަމާބެހޭ ޓީމުތަކުން އަދިވެސް ކުރިއަށްގެންދާތީ، މި އަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެެއްވިއެވެ.
މި އަލިފާނުގެ ސަބަބުން ސްޕޮކޭން ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކެނޑި، 10،000 އަށްވުރެ ގިނަ މީހުންނަށް އޭގެ އަސަރުކޮށްފައިވާ ކަމަށް އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭ ކުންފުނިން ބުނެފައިވެއެވެ. މީގެ އިތުރުން، ވައި ގަދަވުމުގެ ސަބަބުން އަލިފާންގަނޑު އިތުރަށް ފެތުރިދާނެ ކަމުގެ އިންޒާރު މޫސުމާބެހޭ އިދާރާތަކުން ވަނީ ދީފައެވެ.
އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ކަށަވަރުވެފައި ނުވާ ކަމަށާއި، އެކަން ތަހުގީގުކުރަމުން އަންނަ ކަމަށް ރަސްމީ ފަރާތްތަކުން ބުނެފައިވެއެވެ. ވޮޝިންޓަންގެ ގަވަރުނަރު ބޮބް ފާގަސަން ވަނީ މުޅި ސްޓޭޓްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވައިފައެވެ. އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިވުމަށް ފެޑެރަލް އިމަޖެންސީ މެނޭޖްމަންޓް އޭޖެންސީގެ އެހީތެރިކަމަށް އެދިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް