ހަ ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި އަހަރުވެސް މެރިން ސައިންސް ސިމްޕޯޒިއަމް ބާއްވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ، އެމްއެމްޔޫ އާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓާ ގުޅިގެންނެވެ.

އެމްއެންޔޫން ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި މާދަމާއިން ފެށިގެން އޭގެ އަނެއް ދުވަހުގެ ނިޔަލަށް އެ ޔުނިވާސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައި ކުރިއަށްގެންދަން ނިންމާފައިވާ މި ސިމްޕޯޒިއަމްގެ މައިގަނޑު މަގުސަދަކީ ކަނޑުގެ ދިރުންތަކާ ގުޅޭގޮތުން ކުރެވޭ ދިރާސާތައް އާންމުކޮށް، އެ ދާއިރާގެ ތަޖުރިބާކާރުންގެ މެދުގައި މައުލޫމާތު ބަދަލުކުރުން ކަމަށެވެ.

އެމްއެންޔޫން ބުނީ މިއީ މި ދާއިރާއިން ރާއްޖޭގައި ބޭއްވޭ ހަމައެކަނި ބައްދަލުވުން ކަމަށްވުމުން، ދިރާސާކުރާ ފަރާތްތަކަށާއި ދާއިރާގެ މާހިރުންނަށް މިއީ އަގުހުރި ފުރުސަތެއް ކަމަށެވެ.

މި ފަހަރުގެ ސިމްޕޯޒިއަމްގައި ޖުމްލަ 47 ދިރާސާއެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި 32 އޯރަލް ޕްރެޒެންޓޭޝަނާއި 15 ޕޯސްޓާ ޕްރެޒެންޓޭޝަން ހިމެނެއެވެ.

ސިމްޕޯޒިއަމްގައި ހުށަހަޅާ ކަރުދާސްތައް މައިގަނޑު ހަތް ދާއިރާއަކަށް ބަހާލެވިފައިވެއެވެ. އޭގެ ތެރޭގައި ފަރުތަކާއި ފަރުތައް އިއާދަކުރުމާއި މޫސުމީ ބަދަލުތަކުގެ އިތުރުން މަސްވެރިކަމުގެ ދާއިރާ ހިމެނެއެވެ.

މީގެ އިތުރުން ގަވަނަންސް އެންޑް ސޮސައިޓީ، ކަހަނބުގެ ދިރުންތައް، ސިއްހަތާއި ރައްކާތެރިކަން، މިޔަރާއި ރޭސް އަދި ކަނޑުގެ އެހެނިހެން ބޮޑެތި ދިރުންތައް، އަދި އައްސޭރިފަށުގެ މާހައުލާއި ކަނޑުދޫނިތަކާ ގުޅޭ ދިރާސާތައް މި ސިމްޕޯޒިއަމްގައި ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ސިމްޕޯޒިއަމްގައި ޔުނިވާސިޓީތަކާއި ދިރާސާކުރާ ޖަމިއްޔާތަކުން ކުރެވިފައިވާ މަސައްކަތްތައް ހިއްސާކޮށް، ކުރިމަގުގައި މި ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކުރާނެއެވެ.

މެރިން ސައިންސް ސިމްޕޯޒިއަމްއަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި ސިމްޕޯޒިއަމެކެވެ.