ދިވެހި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ލިޔުންތެރިޔާ އަދި ތަރުޖަމާރު އަބްދުﷲ ފާރޫގު ހަސަން، އޭނާ ލިޔުއްވައި ޝާއިއުކުރައްވާފައިވާ ފޮތްތަކުގެ ތެރެއިން ފޮތްތަކެއް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ލައިބްރަރީއަށް ހަދިޔާކުރައްވައިފިއެވެ.
އެމްއެންޔޫއިން ބުނި ގޮތުގައި މި ފޮތްތަކަކީ އިސްލާމީ ތާރީހާއި ތައުލީމާއި އިޖުތިމާއީ މައްސަލަތަކުގެ މައްޗަށް އޭނާ ލިޔުއްވާފައިވާ މުހިންމު ފޮތްތަކެކެވެ. ދިވެހި ކިޔުންތެރިންނަށް އިސްލާމީ ތާރީހާއި އަހުލާގީ މައުލޫމާތު ފޯރުކޮށްދެއްވުމުގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވައިފައެވެ.
އެމްއެންޔޫއިން ވަނީ އެ ފޮތްތައް ހަދިޔާކުރެއްވިކަމަށްޓަކައި ފާރޫގަށް ޝުކުރު އަދާކޮށްފައެވެ. އަދި އެ ފޮތްތަކުގެ ސަބަބުން ޔުނިވަސިޓީގެ ލައިބްރަރީ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އެމްއެންޔޫން ބުންޏެވެ.
ފާރޫގު ވަނީ އިސްލާމީ އުންމަތުގެ އެންމެ ފުރަތަމަ މުޖައްދިދު އަމީރުލް މުއުމިނީން ޢުމަރު ބިން ޢަބުދުލް ޢަޒީޒް ރަޙިމަހުﷲ އިސްލާމީ އުންމަތުގެ ޤިޔާދަތާ ހަވާލުވެވަޑައިގެންނެވި އިރު އުންމަތް އޮތް ހާލަތުގެ ވާހަކަތައް ކިޔައިދީފައިވާ "ޢުމަރު ޘާނީ: ޢުމަރު ބިން ޢަބްދިލްޢަޒީޒު" ފޮތް މިދިޔަ ހަފުތާގައި ބާޒާރަށް ނެރެ ވިއްކަން ފަށައިފައެވެ.
ފާރޫގް ހަސަނަށް ލިބިފައިވާ ބައެއް އެވޯޑްތައް:
- ދިވެހި ބަހަށް ފޮތްތައް ތަރުޖަމާކުރެއްވުމުގައި ކޮށްދެއްވުމުގެ ދާއިރާއިން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ ގައުމީ އެވޯޑް 1985 ގައި ލިބިލެއްވި
- ދިވެހި އަދަބިއްޔާތަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް 1990 ގައި ހިތްވަރު ދިނުމުގެ ގައުމީ އެވޯޑް ލިބިލެއްވި
- ދިވެހި އަދަބިއްޔާތަށް ގިނަ ދުވަސްތަކެއް ވަންދެން ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ ސަބަބުން 2004 ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އެވޯޑު ލިބިލެއްވި
- ނޫސްވެރިކަމުގެ ދާއިރާއިން ދިވެހި ގައުމަށް ކޮށްދެއްވި ފާހަގަކޮށްލެވޭ ހިދުމަތްތަކުގެ އަގުވަޒަންކޮށް 2018 ވަނަ އަހަރު އަލިމަސް ގަލަމުގެ ޝަރަފުވެސް ލިބިލެއްވި
އަބްދުﷲ ފާރޫގު ހަސަނަކީ މީގެ ކުރިން ރާއްޖޭގެ ނޫސްވެރިކަމަށާއި އަދަބިއްޔާތަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާ އަންނަނީ މިހާރުވެސް ބައެއް ލިޔުންތައް ވަން އޮންލައިންގައި ޝާއިއުކުރައްވަމުންނެވެ.
އަލީ ޔާމިން
ކުއްލި ޚަބަރު
ކުޅިވަރު
ކުޅިވަރު
ރައީސް އޮފީސް
ކޮމެންޓް