ހުޅުމާލެއަކީ އާއިލީ ރައްޓެހި ސިޓީއަކަށް ހެދުމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)އާ އެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އާކް އަކީ ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތު ކުރާ، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ކުޑަކުދިންގެ ހައްގުތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެކެވެ.

އެޗްޑީސީން ބުނީ އިއްޔެ ބުނީ އާކް އާއެކު އެފަދަ އެއްބަސްވުމެއްގައި ސޮއިކުރުމަކީ އެ ކޯޕްރޭޝަނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެޗްޑީސީގެ އަމާޒަކީ ކުޑަކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮ ދިރިއުޅުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި އާދަތަކާއި އިންކްލޫސިވް ކޮމިއުނިޓީ ސްޕޭސްތަކާއި އާއިލާތަކަށް ރަނގަޅު މުސްތަގުބަލެއް ބިނާކުރުން ކަމަށް އެ ކޯޕްރޭޝަންނުން ބުންޏެވެ.

މި ކަންކަމުގެ އިތުރުން ހުޅުމާލެއަކީ އެ ތަނުގައި ދިރިއުޅޭ ރައްޔިތުުންނަށާއި އަދި އެ ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ދުޅަހެޔޮ ދިރިއުޅުމެއް އުޅެވޭނެ ތަނަކަށް ހެދުމަށް އެ ކޯޕްރޭޝަނުން މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

އޭގެތެރޭގައި ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގައި ކުޑަކުދިންނަށާއި އިސްރަށްވެހިން ނުކުމެ އުޅެލާނެ ކޮމިއުނިޓީ ޕާކުތަކާއި ކަސްތަރު ކުރާ ތަންތަނާއި ކުޅިވަރުކުޅޭނެ ތަންތަން ގާއިމްކޮށް އަދި އިތުރު ތަންތަން ދަނީ ތަރައްގީ ކުރަމުންނެވެ.