މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބާއްވާ ކ. އަތޮޅުގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތް، މިޔަޓް ސްޕޯޓްސް ފިއެސްޓާގެ މިޔަޓް ފުޓްސަލް ޗެލެންޖްގެ ގްރޫޕް ސްޓޭޖުގައި އެކްސް ބޯއީސްއިން ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް ސެމީ ފައިނަލާ ގާތަށް ޖެހިލި އިރު، ބްލެކް އީގަލްސްއިން މުހިއްމު މޮޅެއް ހޯދައިފިއެވެ.

މިޔަޓް ފުޓްސަލް ޗެލެންޖްގައި ނުވަ ޓީމަކުން ވާދަކުރަމުންދާ އިރު، ގްރޫޕް އޭގައި ފަސް ޓީމު ހިމެނެއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ހަތަރު ޓީމެވެ. ވަރުގަދަ ސްކޮޑަކާއެކު މިފަހަރު މުބާރާތަށް ނުކުތް އެކްސް ބޯއީސްއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗު މިރޭ ކާމިޔާބުކުރީ 2-0 އިން މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ދިއްފުށި އެފްޓީ ބަލިކޮށްގެންނެވެ.

ވާދަވެރިކޮށް ފެނިގެން ދިޔަ މެޗުގެ ދެ ގޯލްވެސް ފެނުނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ގޯލް، ދެވަނަ ހާފުގެ ކުރީކޮޅުގައި އެކްސް ބޯއީސްއަށް ޖަހައިދިނީ އިބްރާހީމް ރިމާހް (ރިމޭ) އެވެ. އަދި އެޓީމަށް މޮޅު ޔަގީންކޮށްދިން ދެވަނަ ގޯލް ޖަހައިދިނީ އިސްމާއީލް ވަޖީހު (ވައްޖެ) އެވެ. އެއީ މެޗު ނިމިނިމި އޮއްވައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކީ ފުރަތަމަ ގޯލް ޖެހީ ރިމޭއެވެ.

ގްރޫޕް އޭގެ އެއްވަނައިގައި އެޕޮކަލިޕްސް އެސްސީ އޮތީ ދެމެޗުން ހަ ޕޮއިންޓާއެކު ފައިދާ ގޯލާއެކުގައެވެ. ދެވަނައިގައި އެކްސް ބޯއީސް ދެމެޗުން ހަ ޕޮއިންޓާއެކު ފައިދާ ފަސް ގޯލާއެކު ދިއްފުށި ތިންވަނައިގައި އޮތީ ދެމެޗުން އެއް ޕޮއިންޓާއެކުގައެވެ.

ހަތަރު ވަނައިގައި އޮތް އެޕޮކަލިޕްސް އެފްސީއާއި ވޭލިއަންޓް އެސްސީއަށް އަދި ޕޮއިންޓެއް ނުލިބި އޮތް ނަމަވެސް، އެ ގްރޫޕްގެ ހުރިހާ ޓީމަކަށްވެސް އަދި ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް ދެމެޗުން ދެ މޮޅު ހޯދާފައިވާ ދެޓީމަށް ވަނީ ސެމީގެ ފުރުސަތު ފަހިވެފައެވެ.

މިފަހަރު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި އޮތް ބްލެކް އީގަލްސްއިން މިރޭ ގްރޫޕް ބީގައި ކަންމަތި އެންޖީ ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ.

ބްލެކް އީގަލްސްގެ އަބްދުﷲ ސުޒައިރާއި މުހައްމަދު އިސާމް (ޝަންޓެ)، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހި އިރު، އަނެއް ގޯލް ޖެހީ ހުސައިން އަފްސަލްއެވެ. ކަންމަތީގެ ގޯލްތައް ޖެހީ އަހުމަދު ހުސައިންއެވެ.

ބްލެކް އީގަލްސްގެ ގޯލަކަށްފަހު އެޓީމުން އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

މިއީ މިޔަޓް ފުޓްސަލް ޗެލެންޖް ކުރިއަށްދާ ހަވަނަ ފަހަރެވެ. ކ. އަތޮޅުގެ އެންމެ ޝަރަފުވެރި، އެންމެ އަގުބޮޑު މުބާރާތް މިފަހަރު އެނބުރި އައިސްފައި ވަނީ ޖުމުލަ ނުވަ ޓީމަކާއެކުގައެވެ. ޗެމްޕިއަން ޓީމަށް މިއަހަރު ވެސް 75،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.

މިޔަޓް ފުޓްސަލް ޗެލެންޖްގެ ގްރޫޕް ސްޓޭޖުގެ ދެމެޗު މާދަމާ ރޭވެސް އޮންނާނެއެވެ.

މާދަމާ ރޭގެ މެޗުތައް

21:00 އެޕޮކަލިޕްސް އެފްސީ - އެކްސް ބޯއީސް

22:00 ކަންމަތި އެފްސީ - އެފްސީ ކުޑަ ވިލިނގިލި