މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބާއްވާ ކ. އަތޮޅުގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތް، މިޔަޓް ސްޕޯޓްސް ފިއެސްޓާގެ އެންމެ ފުރަތަމަ އިވެންޓް، މިޔަޓް ފުޓްސަލް ޗެލެންޖްގެ ގްރޫޕް ސްޓޭޖުގައި މިރޭ ކުޅުނު މެޗުތައް އެކްސް ބޯއީސްއާއި ކަންމަތި އެފްސީ އަދި ދިއްފުށި އެފްޓީން ކާމިޔާބު ކޮށްފިއެވެ.
މިޔަޓް ފުޓްސަލް ޗެލެންޖްގެ ގްރޫޕް ސްޓޭޖު ރޭ ފެށީ ކުލަގަދަ ރަސްމިއްޔާތަކާއެކުގައެވެ. ރޭ ތުލުސްދޫގެ ފުޓްސަލް ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި އެންމެފަހުން ދެ އަހަރުވެސް މުބާރާތުގެ ޗެމްޕިއަން ދިއްފުށި ކައިރިން އެޕޮކަލިޕްސް އެސްސީ ވަނީ މޮޅުވެފައެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު ދެ ގްރޫޕަކަށް ކުރިއަށްދާ އިރު، ގްރޫޕް އޭގައި މިރޭ އެކްސް ބޯއީސްއިން ވޭލިއަންޓް އެސްސީ ކައިރިން ކުރި ހޯދީ 4-1 އިންނެވެ. މެޗަކީ ދެޓީމުންވެސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.
އެކްސް ބޯއީސްގެ އަލީ މާއިސް (މައްޓު) މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި، ދެ ގޯލް ޖެހިއެވެ. އަނެއް ދެ ގޯލް އެޓީމަށް ޖަހައިދިނީ އިސްމާއީލް ވަޖީހު (ވައްޖެ) އާއި ޝަނާން ރަޝާދެވެ.
އަނެއްކޮޅުން ހަމައެކަނި ގޯލް ޖެހީ އަލީ އަލާން އަޝްރަފެވެ.
ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ބްލެކް އީގަލްސްއިން ކަންމައްޗާ ވާދަކުރި މެޗު، ކަންމަތިން ކާމިޔާބުކުރީވެސް 4-1 އިންނެވެ. އެމެޗުގައި ކަންމަތީގެ ގޯލްތައް ޖަހައިދިނީ ހުސައިން ސުހައިލް (ސޮކޭ) އާއި ޔާމީން މުހައްމަދެވެ. ސޮކޭ ވަނީ މެޗުގައި ހެޓްރިކް ހަދައިފައެވެ. ބްލެކް އީގަލްސްގެ ހަމައެކަނި ގޯލް ޖަހައިދިނީ ހުސައިން އަފްސަލްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ސޮކޭއެވެ.
ރޭ ކުޅުނު ފަހު މެޗަކީ ރޭ ބަލިވި ޗެމްޕިއަން ދިއްފުށިން ވަނީ އެޕޮކަލިޕްސް އެފްސީ ކައިރިން 6-0 ގެ ބޮޑު މޮޅެއް ހޯދައިފައެވެ. މެޗުގައި ދިއްފުށީގެ ގޯލްތައް ޖެހީ އަހުމަދު މާޒިން، އަހުމަދު ރިޒުވާން (ރިޒޭ)، ރިލްވާން ރަޝީދު، މުހައްމަދު ޝަމީމްގެ އިތުރުން ޝައިހާޏް ފާއިޒް އަދި މުހައްމަދު ސާދު ނިޒާރެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރިޒޭއެވެ.
މިއީ މިޔަޓް ފުޓްސަލް ޗެލެންޖް ކުރިއަށްދާ ހަވަނަ ފަހަރެވެ. ކ. އަތޮޅުގެ އެންމެ ޝަރަފުވެރި، އެންމެ އަގުބޮޑު މުބާރާތް މިފަހަރު އެނބުރި އައިސްފައި ވަނީ ޖުމުލަ ނުވަ ޓީމަކާއެކުގައެވެ. ޗެމްޕިއަން ޓީމަށް މިއަހަރު ވެސް 75،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.
މިޔަޓް ފުޓްސަލް ޗެލެންޖްގެ ގްރޫޕް ސްޓޭޖުގެ ދެމެޗު މާދަމާ ރޭވެސް އޮންނާނެއެވެ.
މާދަމާ ރޭގެ މެޗުތައް
21:00 އެޕޮކަލިޕްސް އެސްސީ - ވެލިއަންޓް އެސްސީ
22:00 ކަންމަތި އެންޖީ - އެފްސީ ކުޑަ ވިލިނގިލި
މުޙައްމަދު ޝަމްޢޫން
މިޔަޓް ފުޓްސަލް ފިއެސްޓާ
މިޔަޓް ފުޓްސަލް ފިއެސްޓާ
މިޔަޓް ފުޓްސަލް ފިއެސްޓާ
މިޔަޓް ފުޓްސަލް ފިއެސްޓާ
ކޮމެންޓް