އޭޝިއާ ސަރަހައްދުގެ ބޭންކުތައް ތަމްސީލުކުރާ އެންމެ ބޮޑު ޖަމިއްޔާ، އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ) ގެ ޗެއާމަންގެ މަގާމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް އައްޔަންކުރައްވައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ މިއީ އެ ޖަމިއްޔާގެ 45 އަހަރުވީ ދިގު ތާރީހުގައި އެ މަގާމަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރު ކަމަށެވެ. އޭބީއޭގެ ބޯޑުގެ ނިންމުމާ އެއްގޮތަށް ޝަރީފް މިއަދު އެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނެކަމަށް ބީއެމްއެލުން ބުންޏެވެ.

ޝަރީފަކީ މީގެ ކުރިން 2018 އިން 2020 އަށް އެ ޖަމިއްޔާގެ ވައިސް ޗެއާމަންކަން ވެސް ކުރައްވާފައިވާ، ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.

ޝަރީފް ވިދާޅުވީ، އޭޝިއާގެ ބޭންކިން ސިނާއަތުގެ ކުރިއެރުމަށްޓަކައި މެންބަރު ބޭންކުތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ. އަމާޒަކީ ބޭންކުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ސަރަހައްދީ ފެންވަރުގައި ދާއިރާގެ ލަނޑުދަނޑިތައް ހާސިލުކުރުންކަމަށް ޝަރީފު ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ އޭބީއޭގެ ސެކްރެޓަރީ ޓްރެޝަރާ ޑރ. ޑާސަން ޗިއު ވަނީ ޝަރީފްގެ ލީޑަޝިޕަށް މަރުހަބާ ދަންނަވައި، އެސޯސިއޭޝަންގެ އަސާސްތައް ހިފެހެއްޓުމުގައި ޝަރީފް ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައި ކަމަށެވެ. އަދި 2025 ވަނަ އަހަރުވެސްވެސް ޝަރީފް އެ މަގާމަށް އައްޔަންކުރަން ނިންމާފައިވަނީ އޭނާގެ ލީޑަޝިޕަށް އޮތް އިތުބާރުގެ ބޮޑުކަމުންކަމަށް ބީއެމްއެލްއިން ބުންޏެވެ.

އޭޝިއަން ބޭންކާސް އެސޯސިއޭޝަނަކީ އޭޝިއާގެ ބޭންކުތަކުގެ ސިޔާސަތުތައް ކަނޑައެޅުމާއި، ދާއިރާގެ އިސްވެރިންނާއި ރެގިއުލޭޓަރުންގެ މެދުގައި މަޝްވަރާކުރުމަށް އޮތް އެންމެ މުހިންމު ޕްލެޓްފޯމްކަމަށް ބީއެމްއެލުން ބުންޏެވެ.