(24 ޖުލައިގެ އަދަދާ ގުޅޭ)

ޖޭކްރިޝަން އެގޮތާ ދެކޮޅު ހައްދަވަމުން ވިދާޅުވިއެވެ. "އަޅުގަނޑުމެން ތިޔަ ވިދާޅުވި ގޮތަށް އަޅުގަނޑުމެންގެ ބާރު ބައިބައިކޮށް ވިއްސިވިހާލި ކޮށްގެނެއް ކަމަކު ނުދާނެއެވެ. އަޅުގަނޑުމެން ހަދާން ވީ ގޮތަކީ ސިފައިންގެ ތިންބައިކުޅަ އެއްބައި ރަސްގެފާނުގެ އަރިހަށް އަވަހަށް ފޮނުވާން ވީއެވެ. ދެން ތިބި ހުރިހައި ސިފައިން ފޮނުވާންވީ އުތުރު ސަރަޙައްދު ޙިމާޔަތް ކުރާށެވެ. ސަރަޙައްދު ސަލާމަތުން އޮވެއްޖެ ކަމުގައި ވާނަމަ މި ފައްޅި އާއި އަޅުގަނޑުމެންގެ އަވަށްތަކަށް އެއްވެސް ނުރައްކަލެއް ނޯންނާނެއެވެ. ދުޝްމަނުންގެ ގެމަތަކެއް ސަރަޙައްދު ހުރަސް ކޮށްފައި މި ދިމާޔަށް އަތުވެއްޖެ ކަމުގައި ވާނަމަ، އަޅުގަނޑުމެންގެ ސިފައިން އެތައް ބަޔަކަށް ބެހިފައި ތިބެގެން އެބައިމީހުން އޮބެހެއްޓޭ ގޮތެއް ނުވާނެއެވެ. ދުޝްމަނުން އަންނާނީ އުތުރު ފަރާތުންނެވެ. އެހެންކަމުން، ހުރިހައި ބާރުތަކެއް ޖަމާ ކުރާން ވީ އެ ސަރަޙައްދަށެވެ."

ޢުމުރުން ދުވަސްފުޅު ވީ އަމީރެއް ތެދު ވެވަޑައިގެން ވިދާޅުވިއެވެ. "މަނިކުފާނު ތިޔަ ގޮތަށް ތިޔަ މަޝްވަރާ ދެއްވަނީ ސަރަޙައްދާ އެންމެ ކައިރީގައި އޮތީ މަނިކުފާނުގެ ރަށް ކަމުގައި ވާތީއެވެ. މަނިކުފާނު ބޭނުންފުޅު ވަނީ އަޅުގަނޑުމެން މި ފައްޅިޔާ މެދު ވެސް އަޅުގަނޑުމެންގެ ގެދޮރާ މެދު ވެސް އަދި އެހެން ކަމަކާ މެދު ވެސް ފިކުރު ކުރުމެއް ނެތި، މަނިކުފާނުގެ ރަށް ޙިމާޔަތް ކުރާން އެންމެން އެ ދިމާޔަށް އެއް ކުރައްވާށެވެ. އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ފަދައިން، ދުޝްމަނުންގެ އެންމެ ފުރަތަމަ މަގުސަދަކީ ބާރީ އާއި ގުނޫޖު ފަތަޙަ ކުރުމެވެ. އެބައިމީހުން ދަތުރު ކުރާނެކަމަށް ލަފާ ކުރެވޭ މަގާ އަޅުގަނޑުމެންގެ ސަރަޙައްދާ ވަރަށް ދުރެވެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ ލަޝްކަރުގެ އެކަކު ވެސް ނުބަހައްޓައި ހުރިހައި ސިފައިން ރަސްގެފާނާ އެހީ ވާން ފޮނުވުން ބޭނުމެވެ. ގުނޫޖާއި ބާރީ ދިފާޢު ކުރާށެވެ. އަޅުގަނޑުމެންގެ ރަސްގެފާނު ސަލާމަތުން ހުންނެވި ކަމުގައި ވާނަމަ، އަޅުގަނޑުމެންގެ ގެދޮރަށް އެއްވެސް ނުރައްކަލެއް ނޯންނާނެއެވެ. ރަސްގެފާނު ބަލިފުޅު ވެއްޖެ ކަމުގައި ވާނަމަ، އަޅުގަނޑުމެންގެ ހުރިހައި އެއްޗެއް ގެއްލުނީއެވެ. އެހެންކަމުން، އަޅުގަނޑު ހުށައަޅަނީ އަޅުގަނޑުމެން ހުރިހައި ސިފައިން ގޮވައިގެން ވީހައި ވެސް އަވަހަކަށް ރަސްގެފާނާ އެހީ ވާން ދާށެވެ."

ޖޭކްރިޝަން ކޯފާ އިސް ވެގެން ތުރުތުރު އަޅަމުން ވިދާޅުވިއެވެ. "ތިޔައިން އެއްވެސް ބޭފުޅަކަށް އަޅުގަނޑަކަށް ފިނޑިކަމުގެ މަލާމަތެއް ނުކުރެއްވޭނެއެވެ. އަޅުގަނޑަށް ވުރެ ބޮޑަށް ރަސްގެފާނަށް ވަފާތެރިކަމުގެ ދަޢުވާއެއް ވެސް ނުކުރެއްވޭނެއެވެ. އަޅުގަނޑުގެ މަގުސަދަކީ، ހުރިހައި ސިފައިން ފޮނުވައިލުމުގެ ކުރީން ދުޝްމަނުން ދަތުރު ކުރާ މިސްރާބެއް ހޯދުމެވެ. ދުޝްމަނުންގެ ލަޝްކަރު ސީދާ ގުނޫޖަށް ނުވަތަ ބާރީއަށް ދާ ކަމާއި، އެ ލަޝްކަރުގެ އެއްވެސް ބަޔަކު މި ދިމާޔަށް ނާންނާނެކަން އެނގުމާ އެކު، އަޅުގަނޑުމެންނަށް ދެން ތިބި ހުރިހައި ބަޔަކު ވެސް ރަސްގެފާނުގެ އަރިހަށް ފޮނުވިދާނެއެވެ. އަޅުގަނޑަށް ޔަގީނެވެ. މި ފަހަރު ދުޝްމަނުން ގުނޫޖު ނުވަތަ ބާރީއާ ދިމާޔަށް ހިނގައްޖެ ކަމުގައި ވާނަމަ، އަޅުގަނޑުމެންގެ ރަސްގެފާނު ގިނިކަންޏާ އެބައިމީހުންނާ ކުރިމަތި ލައްވާކަށެއް ޖެހިވަޑައެއްނުގަންނަވާނެއެވެ. ކަލަންޖަރާއި ގަވާލިޔާރާއި އަދި އެނޫން ވެސް އަވަށްޓެރި ހުރިހައި ދައުލަތްތަކެއްގެ ސިފައިން ރަސްގެފާނާ އެހީ ވާން އަންނާނެއެވެ."

މުސްކުޅިފުޅު އަމީރު އަނެއްކާވެސް ތެދު ވެވަޑައިގެން ވިދާޅުވިއެވެ. " އަޅުގަނޑުމެން އެތައް ދުވަހަކު އިންތިޒާރުގައި ތިބޭންވީ ކީއްކުރާންތޯއެވެ؟ ދުޝްމަނުންގެ ލަޝްކަރުގެ ކޮންމެވެސް ގެމައެއް މި ދިމާޔަށް އަންނާނެކަމަށް މަނިކުފާނު ތިޔަ ބައްލަވަނީ ކީއްވެގެންތޯއެވެ؟ އަނެއްކާ އޭގެ ސަބަބަކީ އަމީރު މޯހަންޗަންދުގެ ދަރިކަލުންނާއި އޭނާގެ "ނުފެންނަ ލަޝްކަރު" ގެ ބިރު މަނިކުފާނުގެ ހިތްޕުޅުގައި އަދިވެސް ނުފިލައި ހުރުމެއް ނޫންތޯއެވެ؟"

ކުރިޔަށް ތިއްބެވި ބައެއް އަމީރުން އެ ވާހަކަފުޅާ މެދު ހިނިފުޅު ވަޑުވާން ފައްޓަވައިފިއެވެ. ނަމަވެސް ޖަލްސާގައި ތިއްބެވި ގިނަ ބޭފުޅުންނަކީ އާދައިގެ ހިނިފުޅު ވަޑުވައިލެއްވުމެއްގެ ބަދަލުގައި މުޅި ޢުމުރުފުޅަށް ޖޭކްރިޝަންގެ ދުޝްމަންކަމާ ކުރިމަތި ލައްވާން ޖެހިލުން ވެވަޑައިގަންނަވާ ބޭފުޅުންނެވެ. އާންމު ގޮތެއްގައި ޖޭކްރިޝަނަކީ މި ކަހަލަ މަލާމާތަށް ކެތް ކުރައްވާ ބޭފުޅެއް ނޫނެވެ. ނަމަވެސް މިހާރު ކުރިމަތި ވެފައި ވަނީ އާދަޔާ ޚިލާފު މައްސަލައެކެވެ. އޭނާއަކީ ނިހާޔަތަށް ކޯފާ އަވަސް ބޭފުޅަކު ކަމުގައި ވުމާ އެކު ވެސް، އޭނާއަކީ އަނެކެއްގެ އެއްޗެތި ގޮވުމަށް ޖަވާބު ދެއްވުމުގެ ކުރީން އަމިއްލަފުޅު ބާރު ވަޒަން ކުރައްވާން އާދަ ވެފައި ވާ ބޭފުޅެކެވެ. އެތައް ބައެއްގެ ހާޒިރުގައި އޭނާއަށް މަލާމާތް ކުރެއްވި އަމީރަކީ އެ ހިސާބުގަނޑުގައި އާދަޔާ ޚިލާފަށް ގަދަރު ކުރެވޭ ނުފޫޒު ގަދަ ބޭފުޅެކެވެ.

ޖޭކްރިޝަން ނިހާޔަތަށް ކެތްތެރި ވެވަޑައިގެން ވިދާޅުވިއެވެ. "މަނިކުފާނަކީ އަޅުގަނޑަށް ވުރެ ޢުމުރުފުޅުން ގިނަ ދުވަސް ވެފައި ހުންނެވި ބޭފުޅަކީމުއެވެ. އެހެންކަމުން މަނިކުފާނު ވިދާޅުވާހައި އެއްޗަކަށް އަޅުގަނޑު ޖަވާބެއް ނާރުވާނަމެވެ. އަޅުގަނޑު ކެތްތެރި ވާނަމެވެ. ނަމަވެސް އަޅުގަނޑު މަނިކުފާނަށް ޔަގީން ކޮށްއަރުވަމެވެ. މަނިކުފާނު މަނިކުފާނުގެ ހުރިހައި ސިފައިން ގޮވައިގެން ރަސްގެފާނަށް އެހީ ވެދެއްވާން ވަޑައިގަންނަވާ ކަމުގައި ވާނަމަ، ދަތުރުފުޅުމަތީން މަނިކުފާނަށް ފެނިވަޑައިގަންނަވާނީ އަޅުގަނޑު މަނިކުފާނަށް ވުރެ ކުރީގައި ހުއްޓައެވެ."

ކުއްލިޔަކަށް ކޮންމެވެސް ދިމާޔަކުން އަސްތަކެއްގެ ފިޔަވަޅުގެ އަޑު އިވޭން ފަށައިފިއެވެ. ހުރިހައި ބޭފުޅުން އެކި ފަރާތްފަރާތް ހޯއްދަވާން ފައްޓަވައިފިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި، ފައްޅީގެ ގޯތިތެރެޔަށް އަށެއްކަ ސަވާރުން ވަދެއްޖެއެވެ. ޖޭކްރިޝަނަށް އެމީހުން ފެނިވަޑައިގަތުމާ އެކު އެއީ ކޮން ބައެއްކަން އެނގިވަޑައިގެންފިއެވެ. އެއީ ހައްތާ ވެސް އޭނާގެ ނޯކަރުންނެވެ. އެންމެ ކުރިޔަށް އިނީ ޕިޔާރޭލާލެވެ. ޕިޔާރޭލާލަށް އޭނާގެ ސާހިބާ ފެނުމާ އެކު ހަޅޭއްލަވައިގެންފިއެވެ. "މާތް ސާހިބާއެވެ! މާތް ސާހިބާއެވެ!! އަޅުގަނޑުމެންގެ ހުރިހައި ކަމެއް ހަލާކު ވެއްޖެއެވެ. މުސްލިމުން އަޅުގަނޑުމެންގެ ރަށް ހިފައިފިއެވެ. އެބައިމީހުންގެ ތެރޭގައި ރަންބީރު ވެސް އެބަހުންނެވިއެވެ."

ޖަލްސާގައި ތިއްބެވި ހުރިހައި ބޭފުޅުން ވެސް އެތައް އިރެއް ވީ އިރު ވެސް ތިއްބެވީ ޙައިރާންފުޅުކަމުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދިމާޔަށް ބައްލަވާށެވެ. މަޑުމަޑުން އެ ބޭފުޅުންގެ ދޫފުޅު ޙަރަކާތްތެރި ވާން ފަށައިފިއެވެ. ވަރަށް ގިނަ ބޭފުޅުން ޕިޔާރޭލާލާއި އޭނާގެ އެކުވެރީންގެ ވަށައިގެން ޖަމާ ވެވަޑައިގެންފިއެވެ. "އެމީހުން އައީ ކޮން އިރަކު ހެއްޔެވެ؟ ކިހައި ބައެއް ހެއްޔެވެ؟ ކަލޭ އެބައިމީހުން ލޮލުން ދުށީމުހެއްޔެވެ؟ ތިޔަ ވާނީ ކޮންމެވެސް ބަޔަކު ކަލޭމެންނާ ސަމާސާ ކުރީ ކަމުގައެވެ. ތިޔަހެން ވާނީ ކިހިނަކުން ހެއްޔެވެ؟ ތިޔައީ އެއްގޮތަކަށް ވެސް އެކަށީގެންވާ ކަމެއް ނޫނެވެ."

ޕިޔާރޭލާލް އޭނާގެ އެކުވެރީންނަކަށް އެ ސުވާލުތަކުގެ ޖަވާބު ދިނުމުގެ ފުރުސަތެއް ނުދިނެވެ. އޭނާ ހަޅޭއްލަވަމުން ގެންދެއެވެ. "ތިޔަ ހުރިހައި ބޭފުޅުން އަޅުގަނޑަށް މަލާމާތް ކުރައްވަނީތޯއެވެ. އެބައިމީހުން އަތުވެއްޖެއެވެ. އެބައިމީހުން އެއްވެސް މީހަކު ދިރިހުއްޓަކަ ނުދޭނެއެވެ. އެބައިމީހުންގެ ލަޝްކަރުގެ ޢަދަދު ހިމަނައެއްނުގަނެވޭނެއެވެ. ކައިރިކައިރީގެ ހުރިހައި ރަށެއް ހުސް ވެއްޖެއެވެ. އިރުކޮޅަކުން އެބައިމީހުން މިތަނަށް ވެސް އަތުވެދާނެއެވެ. މި ކަރައިގެ އެއްވެސް މީހަކު އެބައިމީހުންގެ ކިބަޔަކުން ސަލާމަތެއް ނުވާނެއެވެ."

ޖޭކްރިޝަން ހުންނެވީ ބަސްފުޅު ހުއްޓިފައެވެ. އޭނާގެ މޫނުފުޅުގެ ކުލަކޮޅު ވަނީ އޮއްސިފައެވެ. ހަމަ ވަގުތުން ހުރިހައި އަމީރުން އެތަނުން ފިލައިވަޑައިގެންފިއެވެ. ޕިޔާރޭލާލް އޭނާގެ އަހުން ފައިބައިފިއެވެ. އޭނާ ކުރިޔަށް ޖެހި ޖޭކްރިޝަންގެ މުލައްދަނޑިފުޅުގައި ހިފައި ތަޅުވައިގެންފައި ހަޅޭއްލަވައިގަތެވެ. "މާތް ސާހިބާއެވެ! މަނިކުފާނުގެ ފުރާނަފުޅު ސަލާމަތް ކުރައްވާށެވެ. އެބައިމީހުންގެ ތެރޭގައި ރަންބީރު ވެސް އެބަހުންނެވިއެވެ. އަޅުގަނޑުގެ މިހިރަ ދެލޮލުން އޭނާ ދުށީމެވެ. އޭނާ ގަނޑުވަރު ވެސް ހިއްޕަވައިފިއެވެ. މާތް ސާހިބާއެވެ! އަވަސް ކުރައްވާށެވެ!"

+ + + +

އަސުރު ވަގުތު ކައިރި ވެގެން އައި އިރު، އަވަށުގެ ގާތްގަނޑަކަށް ސަތޭކަ ފަންސާހެއްހައި މީހުން ގަނޑުވަރުގެ ދޮރުމައްޗަށް އެއް ވެއްޖެއެވެ. ވަށައިގެން ހުރި ކުދިކުދި އަވަށްއަވަށުގެ މީހުން ވެސް ރަންބީރު ވަޑައިގެންނެވި ޚަބަރު ލިބުމުން ބައިބަޔަށް ގަނޑުވަރާ ދިމާޔަށް ދަތުރު ކުރާން ފަށައިފިއެވެ.

(ނުނިމޭ)