މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބާއްވާ ކ. އަތޮޅުގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތް، މިޔަޓް ސްޕޯޓްސް ފިއެސްޓާއަށް ކުރަމުން އައި އިންތިޒާރު ނިމުމަކާ ގާތްވެއްޖެއެވެ. ކ. އަތޮޅުގެ ކުޅިވަރު އެކީ އެކައްޗަކަށް ތުލުސްދުއަށް ޖަމާވާން ތައްޔާރުވެފައިވާ އިރު، މިރޭ ތުލުސްދޫ ފުޓްސަލް ދަނޑުން ފެންނާނީ އަނެއްކާވެސް މިޔަޓް ސްޕޯޓްސް ފިއެސްޓާގެ އާ ބާބެކެވެ. ހޭވައްލާ ބޮޑުބެރު ގްރޫޕުގެ މުނިފޫހިފިލުވާމާ އެކު މިޔަޓް ސްޕޯޓްސް ފިއެސްޓާ މިރޭ ފެށިގެންދާ ދިޔުން ވެގެންދާނީ ކުޅިވަރުގެ ތަފާތު އުފާވެރިކަމަކަށެވެ.
މިއީ މިޔަޓް ފުޓްސަލް ޗެލެންޖް ކުރިއަށްދާ ހަވަނަ ފަހަރެވެ. އެ މުބާރާތަކީ މިޔަޓް ސްޕޯޓްސް ފިއެސްޓާގެ އެންމެ ބޮޑު ހަރަކާތްވެސް މެއެވެ. ކ. އަތޮޅުގެ އެންމެ ޝަރަފުވެރި، އެންމެ އަގުބޮޑުވެސް މުބާރާތެވެ. އެންމެފަހުން ދެ ފަހަރުވެސް ޗެމްޕިއަންކަން ދިއްފުށި އެފްޓީން ހޯދާފައިވާ އިރު، ޗެމްޕިއަން ޓީމަށް މިއަހަރު ވެސް 75،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.
އެ މުބާރާތުގެ އިތުރުން މިޔަޓުން ވަނީ މިފަހަރުގެ ކުޅިވަރު އީދުގައި މިޔަޓް ޔުނިޓީ ރަން 2026 އެއް ހިމަނައި، އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ މިޔަޓް ފެމީނާ ފުޓްސަލް ޗެލެންޖް ވެސް ހިމަނައިފައެވެ. އެހެންކަމުން މިފަހަރުގެ ފިއެސްޓާ ވެގެންދާނީ ކުދިބޮޑު އެންމެންގެ ބައިވެރިވުން ބޮޑު، ތަފާތު ވަރުގަދަ ހަރަކާތަކަށެވެ.
އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތް އަމާޒުކޮށްފައި ވަނީ ކ. އަތޮޅުގެ ކުޅުންތެރިންނަށެވެ. އެހެން ނަމަވެސް ކޮންމެ ޓީމެއްގައި ވެސް އަތޮޅުން ބޭރު ދެ ކުޅުންތެރިޔަކު ހިމެނޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ. އެހެންކަމުން މުޅި ރާއްޖޭގެ އަންހެން އަދި ފިރިހެން ފުޓްސަލް ތަރިން މުބާރާތްތަކުން ފެނިގެންދާނެއެވެ.
ތަފާތު ވާދައެއް މުބާރާތްތަކުގައި ފެންނާނެ
ކުރީގެ ޗެމްޕިއަނުންނާއި ވާދަވެރިން މިފަހަރުގެ މުބާރާތުން ވެސް ފެނިގެންދާ އިރު، ގްރޫޕް ސްޓޭޖުން ވެސް ވާދަވެރިކަން ފެންނާނެއެވެ. ފިރިހެން ފުޓްސަލް މުބާރާތް ކަމަށްވާ މިޔަޓް ފުޓްސަލް ފިއެސްޓާގައި ޖުމުލަ ނުވަ ޓީމަކުން ވާދަކުރާ އިރު، އެއީ އަތޮޅު ތެރެއިން ފާހަގަކޮށްލެވޭ ނަންތަކެވެ.
ދެ ގްރޫޕަކަށް ގްރޫޕް ސްޓޭޖު ބަހާލެވިފައިވާ އިރު، އަށް ރެޔަށް ގްރޫޕް ސްޓޭޖު ދެމިގެންދާނެއެވެ. މިފަހަރު އިވެންޓްގެ ހަރަކާތްތައް އޮގަސްޓް 13 ވަނަ ދުވަހާ ހަމައަށް ދެމިގެންދާ އިރު، މިއަހަރު ސްޕޯޓްސް ފިއެސްޓާގެ ތެރެއިން ކުރިއަށްދާ ރަން ކުރިއަށްދާނީ މާދަމާއެވެ.
ފިރިހެން ޑިވިޝަންގެ ގްރޫޕްތައް
ގްރޫޕް އޭ: ދިއްފުށި އެފްޓީ، އެޕޮކަލިޕްސް އެސްސީ، ވޭލިއަންޓް އެސްސީ، އެކްސް ބޯއީސް، އެޕޮކަލިޕްސް އެފްސީ
ގްރޫޕް ބީ: ބެލްކް އީގަލްސް، މަލްޓި އެކްސް ކަންމަތި އެފްސީ، މަލްޓި އެކްސް ކަންމަތި އެންޖީ، އެފްސީ ކުޑަވިލިނގިލި
އަންހެން ޑިވިޝަންގެ ޓީމުތައް:
- ކަންމަތި ލޭޑީޒް
- ދިއްފުށީ ވުމަންސް އެފްޓީ
- މާފުށި ކައުންސިލް ޓީމް
- ހިންމަފުށި ވުމަންސް އެފްޓީ
މުބާރާތުގެ އަންހެން ޑިވިޝަންގައި ފުރަތަމަ ލީގު ބުރެއް ކުޅެ، ގަދަ ދެޓީމު ފައިނަލަށް ދާނެއެވެ. އެހެންކަމުން އަންހެން މުބާރާތް ވެގެންދާނީ ތާރީހީ ވާދައަކަށެވެ.
އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ ކަނޑައަޅާފައިވާ އިރު، މިޔަޓް ފުޓްސަލް ފިއެސްޓާ މިރޭ ފަށާނީ 8:30 ގައި އޮންނަ ހުޅުވުމުގެ ރަސްމިއްޔާތަށްފަހުއެވެ. މިރޭ ކުޅޭނީ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗެވެ. އެންމެފަހުގެ ޗެމްޕިއަން ދިއްފުށި ނުކުންނާނީ އެޕޮކަލިޕްސް އެސްސީއާ ދެކޮޅަށެވެ. މުބާރާތުގެ ރަސްމީ ލަވައިގެ ޖޯޝާ ފޯރިއާއެކު މުޅި ތުލުސްދޫ ވަނީ މިހާރު ކުޅިވަރުގެ އެންމެ ބޮޑު އީދަށް ފައްކާވެފައެވެ.
މިޔަޓް ފުޓްސަލް ފިއެސްޓާ
މިޔަޓް ފުޓްސަލް ފިއެސްޓާ
މިޔަޓް ފުޓްސަލް ފިއެސްޓާ
ކޮމެންޓް