ޗީފް އެގްޒެކްޓިވް ހިމެނޭހެން އުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)ގެ ޑިރެކްޓަރުންގެ ބޯޑު ހަތް މެންބަރުންނަށް އިތުރު ކުރަން "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު" އަށް އިސްލާހު ގެންނަން މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.
ގާނޫނުގައި މިހާރު އޮންނަނީ، އުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގައި ފަސް މެންބަރުން ތިބެންޖެހޭ ގޮތަށެވެ.
އޮތޯރިޓީގެ އިދާރީ ހިންގުމާއި، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ދުވަހުން ދުވަހަށް އޮތޯރިޓީ ހިންގުމުގެ ވެރިޔަކީ، ސިވިލް ސާވިސް އިން އައްޔަންކުރާ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ކަމަށް މިހާރު ގާނޫނުގައި އޮތް ނަމަވެސް އެއީ ބޯޑުގައި ހިމެނޭ މަގާމެއްނޫނެވެ.
ނަމަވެސް މި ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ބިލުގައި ވަނީ، އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އާއެކު، އޮތޯރިޓީގެ ބޯޑު އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށް ކަަމަށެވެ.
މި ބިލުގައި ޗީފް އެގްޒެކްޓިވްއާއެކު ދެން ބޯޑަށް އިތުރު ކޮށްފައިވަނީ ގާނޫނީ ދާއިރާގެ މެންބަރެކެވެ.
މިހާރު ބޯޑުގައި ތިއްބަވަނީ، ހަކަތައިގެ ދާއިރާއިން މެންބަރަކާއި، ފެނާއި ނަރުދަމާގެ ދާއިރާއިން މެންބަރަކާއި، ކުނި މެނޭޖު ކުުރުމުގެ ދާއިރާއިން މެންބަރަކާއި، މާލީ ނުވަތަ އިގްތިސާދީ ދާއިރާއިން މެންބަރަކާއި، ތިމާވެށީގެ ދާއިރާއިން މެންބަރެކެވެ.
ގާނޫނު ބުނާާގޮތުން އޮތޯރިޓީގެ ބޯޑަށް މެންބަރުން އައްޔަންކޮށް ވަކި ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ބޯޑުގެ މެންބަރުންގެ ތެރެއިން ބޯޑުގެ ޗެއާޕާސަންކަމުގެ މަގާމަށް މެންބަރަކު އައްޔަން ކުރައްވާނީވެސް ރައީސުލް ޖުމްހޫރިއްޔާއެވެ.
ނަމަވެސް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައިވާގޮތުން، ޗީފް އެގްޒެކްޓިވް ބޯޓުގައި ހިމެނުނު ނަމަވެސް ޗެއާޕާސަންކަމުގެ މަގާމަށް މެންބަރަކު އައްޔަން ކުރައްވާނީ، ޗީފް އެގްޒެކްޓިވް ފިޔަވައި ދެން ތިއްބެވި މެންބަރުންގެ ތެެރެއިން މެންބަރެކެވެ. އަދި ވޯޓުން ނިންމާ އެއްވެސް ނިންމުމެއްގައި ވޯޓު ލުމުގެ ހައްގު ޗީފް އެގްޒެކްޓިވް އަށް ލިބިގެނެއް ނުވެއެވެ.
މި ބިލުގައިވާގޮތަށް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރަށް އައްޔަންކުރަންޖެހޭ މެންބަރު، މި ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އައްޔަންކުރަންވާނެއެވެ.
މި ބިލު ގާނޫނަކަށްވެސް އަމަލު ކުރަން ފަށާނީ މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައި ވަނީ އުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ކަމަށެވެ.
އިބްރާހިމް ޒަކީ
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ކޮމެންޓް