ޗީފް އެގްޒެކްޓިވް ހިމެނޭހެން އުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)ގެ ޑިރެކްޓަރުންގެ ބޯޑު ހަތް މެންބަރުންނަށް އިތުރު ކުރަން "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު" އަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސް ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލިހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދެވެ.
ގާނޫނުގައި މިހާރު އޮންނަނީ، އުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގައި ފަސް މެންބަރުން ތިބެންޖެހޭ ގޮތަށެވެ.
އޮތޯރިޓީގެ އިދާރީ ހިންގުމާއި ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ދުވަހުން ދުވަހަށް އޮތޯރިޓީ ހިންގުމުގެ ވެރިޔަކީ، ސިވިލް ސާވިސް އިން އައްޔަންކުރާ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ކަމަށް މިހާރު ގާނޫނުގައި އޮތް ނަމަވެސް އެއީ ބޯޑުގައި ހިމެނޭ މަގާމެއް ނޫނެވެ.
ނަމަވެސް މި ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ބިލުގައި ވަނީ، އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އާއެކު، އޮތޯރިޓީގެ ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށް ކަަމަށެވެ.
މި ބިލުގައި ޗީފް އެގްޒެކްޓިވްއާ އެކު ދެން ބޯޑަށް އިތުރު ކޮށްފައި ވަނީ ގާނޫނީ ދާއިރާގެ މެންބަރެކެވެ.
މިހާރު ބޯޑުގައި ތިއްބަވަނީ، ހަކަތައިގެ ދާއިރާއިން މެންބަރަކާއި ފެނާއި ނަރުދަމާގެ ދާއިރާއިން މެންބަރަކާއި ކުނި މެނޭޖު ކުރުމުގެ ދާއިރާއިން މެންބަރަކާއި މާލީ ނުވަތަ އިގުތިސޯދީ ދާއިރާއިން މެންބަރަކާއި ތިމާވެށީގެ ދާއިރާއިން މެންބަރެކެވެ.
ގާނޫނު ބުނާގޮތުން އޮތޯރިޓީގެ ބޯޑަށް މެންބަރުން އައްޔަންކޮށް ވަކި ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ބޯޑުގެ މެންބަރުންގެ ތެރެއިން ބޯޑުގެ ޗެއާޕާސަންކަމުގެ މަގާމަށް މެންބަރަކު އައްޔަން ކުރައްވާނީ ވެސް ރައީސުލް ޖުމްހޫރިއްޔާއެވެ.
ނަމަވެސް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން، ޗީފް އެގްޒެކްޓިވް ބޯޓުގައި ހިމެނުނު ނަމަވެސް ޗެއާޕާސަންކަމުގެ މަގާމަށް މެންބަރަކު އައްޔަން ކުރައްވާނީ، ޗީފް އެގްޒެކްޓިވް ފިޔަވައި ދެން ތިއްބެވި މެންބަރުންގެ ތެެރެއިން މެންބަރެކެވެ. އަދި ވޯޓުން ނިންމާ އެއްވެސް ނިންމުމެއްގައި ވޯޓު ލުމުގެ ހައްގު ޗީފް އެގްޒެކްޓިވް އަށް ލިބިގެނެއް ނުވެއެވެ.
މި ބިލުގައިވާގޮތަށް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރަށް އައްޔަން ކުރަންޖެހޭ މެންބަރު، މި ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އައްޔަން ކުރަންވާނެއެވެ.
މި ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފަށާނީ މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައި ވަނީ އުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ކަމަށެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް