ރައްޔިތުންގެ މަޖިލީހަށް 100 އަހަރު ވާން ކައިރި ވާއިރު، ކޮންމެ ދުވަހަކު ހަދަންޖެހޭ ގާނޫނުތަކެއް ނުހުންނާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި، ސަލީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ސަލީމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް 100 ވަނަ އަހަރާ ހަމައަށް ދާއިރު، ރާއްޖެއަށް ބޭނުންވާ މައިގަނޑު ގާނޫނުތައް މިހާރު ހުރީ ހަދައި ނިމިފައި ކަމަށެވެ.

އެހެންވެ، ކޮންމެ ދުވަހަކު ސަރުކާރުން މަޖިލީހަށް ބިލުތަކެއް ފޮނުވުމުގެ ފުރުސަތެއް މިހާރު ނޯންނާނެ ކަމަށް ވެސް ސަލީމު ވިދާޅުވިއެވެ.

"މިއީ ވިހި ވަނަ ރައްޔިތުންގެ މަޖިލިސް، މިހާރު ގާތްގަނޑަކަށް 100 ވަނަ އަހަރާ ހަމައަށް މިދަތުރު ކުރަނީ، މަޖިލީހުގައި ރާއްޖެއަށް ބޭނުންވާ މައިގަނޑު ގާނޫނުތައް ހަދާ އެހެރީ ނިމިފައި، ދެން އަޅުގަނޑުމެންނަކަށް އަލަށް ނުކުންނަ ގާނޫނެއް އާ ނަމެއްގައި ހެދި ދާނެ، ދެން މަޖިލީހުގައި ގާނޫނަކަށް ގެންނަންޖެހޭ އިސްލާހެއް، އެކަހަލަ ކަމެއް ވެއްޖިއްޔާ ގެނެވިދާނެ، ދެން މިކަހަލަ ގޮތަކަށް މަސައްކަތް ހުރީ އެހެންވީމަ ކޮންމެ ދުވަހަކު އަޅުގަނޑުމެންނަށް މަޖިލީހަށް ސަރުކާރުން ބިލުތަކެއް ފޮނުވުުގެ ފުރުސަތެއްް ނޯންނާނެ،"

ސަލީމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށާއި އަމިއްލަ ކޮންމެ މެންބަރަކަށްވެސް މަޖިލީހަށް އަމިއްލައަށް ބިލު ހުށަހެޅުމުގެ ބާރު އޮންނަ ކަމަށެވެ.