ދައުލަތުގެ ބަޖެޓުން އަންނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ދޫކުރުމަށް ފިނޭންސް ކަނޑައަޅައި، އެކަމާ ގުޅޭ ތަފުސީލުތައް ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް އަންގައިފިއެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައިވާ ގޮތުން، ކައުންސިލްތަކުން އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރަންވާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ވަކި ފޯމެޓަކަށެވެ. އަދި ބްލޮކް ގްރާންޓުގެ ގޮތުގައި މިނިސްޓްރީން ލަފާކޮށްފައިވާ އަދަދަށް ވުރެ ބޮޑު ނުވާނެހެން ބަޖެޓުތައް ބައްޓަން ކުރުމަށް ކައުންސިލްތަކަށް އިރުޝާދު ދީފައިވެއެވެ.

ކުރިއަށް އޮތް ތިން އަހަރުގެ ބްލޮކް ގްރާންޓުގެ މިންވަރު މިނިސްޓްރީން ހާމަކޮށްފައިވާ އިރު، އަންނަ އަހަރަށް ކަނޑައަޅާފައި ވަނީ މި އަހަރާ ދާދި އެއްވަރުގެ ބަޖެޓެކެވެ. ނަމަވެސް 2028 ވަނަ އަހަރު މި އަދަދު 2.6 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ބްލޮކް ގްރާންޓުގެ އެންމެ ބޮޑު ބައެއް ލިބޭ މާލޭ ސިޓީ ކައުންސިލަށް 231 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، އެއީ ޖުމްލަ ބަޖެޓުގެ ގާތްގަނޑަކަށް ދިހަ ޕަސެންޓެވެ. މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލަށް 93 މިލިއަން ރުފިޔާ، ފުވައްމުލަކު ސިޓީ ކައުންސިލަށް 67 މިލިއަން ރުފިޔާ، ކުޅުދުއްފުށި ސިޓީ ކައުންސިލަށް 57 މިލިއަން ރުފިޔާ އަދި ތިނަދޫ ސިޓީ ކައުންސިލަށް 46 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ނިންމައިފައެވެ. ފަސް ސިޓީ ކައުންސިލަކަށް ޖުމްލަ ބަޖެޓުގެ 20 ޕަސެންޓް ހިއްސާ ކުރެއެވެ.

ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި ބަލާ މިންގަނޑުތަކުގެ ތެރޭގައި ރަށުގެ އާބާދީ އާއި ބިމުގެ ސަރަހައްދުގެ އިތުރުން، އަތޮޅު ވެރިކަން ކުރާ ރަށާއި މާލެއާ ދެމެދު ހުރި ދުރުމިން ހިމެނެއެވެ.

ހަމައެއާ އެކު، ލޯކަލް ގަވަމެންޓް އޮތޯރިޓީން ކަނޑައަޅާ ޕާފޯމަންސް އިންޑިކޭޓަރުތަކަށް ބަލައި ކައުންސިލްތަކަށް ލިބޭ ސްކޯއަށް ވެސް މި ބަޖެޓު ކަނޑައެޅުމުގައި ރިއާޔަތް ކުރެއެވެ.

ދައުލަތުން 2020 ވަނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ފައިސާ ދޫކުރަނީ މަރުކަޒީ ސަރުކާރުގެ ހިލޭ އެހީގެ ނިޒާމުގެ ތެރެއިންނެވެ. މި އަހަރުގެ މިހާތަނަށް ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު، މިއީ މިދިޔަ އަހަރު ކައުންސިލްތަކަށް ދޫކުރި 2.1 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު އިތުރުވުމެކެވެ.