މޯލްޑިވްސް ބްލަޑް ސާވިސަސްގައި ނިއުކްލިނިކް އެސިޑް ޓެސްޓިންގެ ހިދުމަތް ފަށައިފިއެވެ.

ލޭގެ ރައްކާތެރިކަން ބެލުމަށް ހަދާ ގޯލްޑް ސްޓޭންޑާޑްގެ ޓެސްޓުތައް ހަދަން ތައްޔާރުވަމުންގެންދާ ކަމަށް، މިމަހުގެ 19 ވަނަ ދުވަހު ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު"ގެ ރޭގެ ޕްރޮގްރާމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވަނީ ވިދާޅުވެފައެވެ.

އެ މަސައްކަތުގެ ދަށުން އޮރެންޖުހިޔާގައި ގާއިމްކޮށްފައި ހުރި ނޭޝަނަލް ތެލެސިމިޔާ ސެންޓަރުގައި މޯލްޑިވިއަން ބްލަޑް ސާވިސްގެ ތެރޭގައި ޖުލައި 26ގެ ކުރިން ފެށުމަށް ތައްޔާރުވެފައިވާ ނެޓް ޓެސްޓިންގެ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމުގެ މަސަައްކަތް ހިމެނޭ ކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް އިއްޔެ ސޯޝަލް މީޑިޔާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މޯލްޑިވްސް ބްލަޑް ސާވިސަސްގައި ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށާފައިވާ ކަމަށެވެ.

25 ޖުލައި 2026: ބްލަޑް ސާވިސަސްގައި ނިއުކްލިނިކް އެސިޑް ޓެސްޓިންގެ ހިދުމަތް ފެށުން --- ފޮޓޯ/ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އެފްބީ ޕޯސްޓް

"ރާއްޖޭގެ ލޭގެ ހިދުމަތް ޒަމާނީ ފެންވަރަށް ގެންދިޔުމުގައި މި ހާސިލްވީ ވަރަށް މުހިއްމު ތާރީހީ މަރުހަލާއެއް. ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށުނު މި ހިދުމަތަކީ، ހަދިޔާކުރައްވާ ލޭގައި ހުރެދާނެ HIV، Hepatitis B (HBV) އަދި Hepatitis C (HCV) ފަދަ ބަލިތައް އާދައިގެ ޓެސްޓިންއަށްވުރެ އެތަށް ގުނައެއް އަވަހަށް ޔަގީންކަމާ އެކު ދެނެގަނެ، ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭނުންކުރަމުން އަންނަ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް،" ހަލީމް ވިދާޅުވިއެވެ.

ހާއްސަ ގޮތެއްގައި، އެ ހިދުމަތް ތައާރަފު ކުރެވިގެން ދިޔުމަކީ، ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށާއި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި ވައުދުފުޅުތަކާ އެއްގޮތަށް، ލޭގެ ހިދުމަތް އިތުރަށް ރައްކާތެރި އަދި ޒަމާނީ ކުރުމަށްޓަކައި، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ގެންދިޔުމަށް އެޅުނު މުހިއްމު ގައުމީ އަދި ތާރީހީ މަސައްކަތެއްގެ ފެށުން ކަމަށް ހަލީމް ވިދާޅުވިއެވެ.

އެގޮތުން، މިއީ ލޭގެ ހިދުމަތުގެ ގައުމީ މިންގަނޑުތައް އަދި މޯލްޑިވްސް ތެލަސޭމިއާ މާސްޓާ ޕްލޭން 2024–2034 ގައި ކަނޑައެޅިފައިވާ އިސްތިރާޖީ މަގްސަދުތައް ހާސިލް ކުރުމަށް އެޅުނު މުހިއްމު ގައުމީ ފިޔަވަޅެއް ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.