ދައުލަތުގެ އިދާރާތަކުން މިލިޔަނުން ފައިސާ ހޯދަން، އަމިއްލަ ކުންފުންޏެއްކަމަށް ވާ ސެންޓަ އެންޓާ ޕްރައިސަސްއިން ސައްހަނޫން ލިޔެކިއުންތަކެއް ހުށަހަޅާފައިވާކަަމަށް އޮޑިޓް ރިޕޯޓުގައި ބުނެ، ޖިނާއީ ތަހުގީގެއްކުރަން ލަފާދީފިއެވެ.

ސެންޓައިން ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދިންކަމަށް ބުނާ ތަކެތީގެ އަގު ހޯދުމަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާގުޅޭ ގޮތުން އޮޑިޓް އޮފީހުން ވަނީ ހާއްސަ އޮޑިޓެއް ހަދައިފައެވެ.

މިދިޔަ އަންގާރަ ދުވަހު އާއްމުކޮށްފައިވާ އެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2006 ވަނަ އަހަރުން 2010 ވަނަ އަހަރާ ދެމެދު ސަރުކާރުގެ އިދާރާތަކަށާއި، ކުންފުނިތަކަށް ސެންޓައިން ފޯރުކޮށްދިންކަމަށް ބުނާ، ބައެއް މުދަލާއި ތަކެތީގެ އަގަށްވާ ފައިސާ އާއި، އެ ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި 410 މިލިއަން ރުފިޔާ ހޯދަން 2020 ވަނަ އަހަރުން ފެށިގެން ދައުލަތާ ދެކޮޅަށް ސެންޓައިން ހަ މައްސަލައެއް ހުށަހަޅާފައިވެއެވެ.

އެ މައްސަަލަތައް:

  • އެންވަޔަރުމެންޓް މިނިސްޓްރީއަށް ފޯރުކޮށްދިންކަމަށް ބުނާ، 3،627 ކަޅުހަމަށް ލިބެންޖެހޭ ފައިސާ އާއި، ޖޫރިމަނާގެ ގޮތުގައި 31.99 މިލިޔަން ރުފިޔާ
  • ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސް (ޑީއެމްއެސް) ސަޕްލައިކޮށްދިންކަމަށް ބުނާ، 8 ކަޅުހަންތަކުގެ އަގަށް ލިބެންޖެހޭ ފައިސާ އާއި، ޖޫރިމަނާގެ ގޮތުގައި 25.33 މިލިއަން ރުފިޔާ
  • ޑީއެމްއެސްއަށް ސަޕްލައިކޮށްދިންކަމަށް ބުނާ، މެޑިކަލް އިކުއިޕްމަންޓްގެ އަގަށް ލިބެންޖެހޭ ފައިސާ އާއި، އޭގެ ޖޫރިމަނާގެ ގޮތުގައި 83.94 މިލިއަން ރުފިޔާ
  • ޑީއެމްއެސްއަށް ސަޕްލައިކޮށްދިންކަމަށް ބުނާ، މެޑިކަލް އިކުއިޕްމަންޓްގެ އަގަށް ލިބެންޖެހޭ ފައިސާ އާއި، ޖޫރިމަނާގެ ގޮތުގައި 79.49 މިލިޔަން ރުފިޔާ
  • މާލޭ މުނިސިޕަލްޓީ (މާލޭ ސިޓީ ކައުންސިލް އިދާރާ) އަަށް ފޯރުކޮށްދިން ކަމަށް ބުނާ އެކި މުދަލާއި ހިދުމަތުގެ އަގަށް ލިބެންޖެހޭކަމަށް ބުނާ ފައިސާ އާއި ޖޫރިމަނާގެ ގޮތުގައި 168.81 މިލިޔަން ރުފިޔާ
  • މޯލްޑިވްްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ފޯރުކޮށްދިންކަމަށް ބުނާ ފަޔާ ޓްރަކްގެ އަގަށް ލިބެންޖެހޭ 20.92 މިލިޔަން ރުފިޔާ

މީގެ ތެރެއިން ޑީއެމްއެސްއަށް ސަޕްލައިކޮށްދިންކަމަށް ބުނާ، މެޑިކަލް އިކުއިޕްމަންޓްގެ އަގާއި ޖޫރިމަނާގެ ގޮތުގައި ހޯދަން ހުށަހަޅާފައިވާ 79.49 މިލިޔަން ރުފިޔާއަކީ އެ ކުންފުންޏަށް ދޭންޖެހޭ ފައިސާއެއްނޫން ކަމަށާއި، އެއީ ލިޔެކިއުންތައް އުފައްދައިގެން އޮޅުވާލައިގެން ދައުލަތުން ފައިސާ ހޯދަން ހުށަހަޅާފައިވާ މައްސަލައެއްކަން ފާހަގަކޮށް އެކަމުގެ ތަފުސީލްތައް 15 އޮކްޓޫބަރު 2025 ގެ އޮޑިޓް ރިޕޯޓްގައި ހިމަނާފައިވާނެކަމަށްވެސް މި ރިޕޯޓްގައި ބުންޏެވެ.

އޭގެ އިތުރުން އެމްއޭސީއެލަށް ފޯރުކޮށްދިން ކަމަށް ބުނާ ފަޔާ ޓްރަކްގެ އަގަށް 20.92 މިލިޔަން ރުފިޔާ ލިބެންޖެހޭކަަމަށް ބުނާ މައްސަލައަކީ ކުރިން އެ ކުންފުންޏަށް ދީފައިވާ ފައިސާއެއްކަން ޝަރިއަތަށް ސާބިތުވާކަމަށް ސިވިލްކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެހެންކަމުން އޮޑިޓް ރިޕޯޓުގައި ވަނީ، ސައްހަ ނޫންކަަމަށް ބެލެވޭ ގިނަ ލިޔެކިއުންތަކެއް ހުށަހަޅައިގެން ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްނުދޭ މުދަލާއި ތަކެތީގެ އަގު ހޯދުމަށާއި، ދައުލަތުން ފައިސާ ދައްކާފައިވާ މުދަލާއި ތަކެތީގެ އަގު އަލުން ހޯދުމަށް ސެންޓައިން މަސައްކަތްކުރާ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން އެ ފަރާާތުން ހުށަހެޅި ލިޔެކިއުންތަކުގެ ފޮރެންސިކް އެނަލިސިސް ހަދައި މިކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މި މައްސަލަތަކާގުޅޭ ފުރިހަމަ ޖިނާއީ ތަހުގީގެއް ކުރަން އޮޑިޓް ރިޕޯޓްގައި ވަނީ ލަފާ ދީފައެވެ.