ބަރުދަން ލުއިކުރުމަށާއި އެކި ބަލިބަލީގެ ފަރުވާއެއް ކަމަށް ބުނެ ސާބިތު ނުހިފޭ މައުލޫމާތު ހިމަނައިގެން ގިނަ އުފެއްދުންތަކެއް މާކެޓުކުރަމުންދާ ކަމަށާއި އެކަން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބަރުދަން ލުއިކުރުމަށާއި އެކި ބަލިބަލީގެ ފަރުވާއެއް ކަމަށް ބުނެ ގިނަ އުފެއްދުންތަކެއް މާކެޓުކޮށް، އެތަކެތި ބޭނުންކުރުމަށް ހިތްވަރުދީ އެއާ ގުޅޭ މައުލޫމާތުތައް އެކި މަންސަތަކުގައި ދައުރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް ސާބިތު ނުހިފޭ މައުލޫމާތު ހިމެނޭގޮތަށް މިތަކެތި މާކެޓުކުރުމަކީ އެ ބޭނުންކުރާ ފަރާތަށް މައުލޫމާތު އޮޅި ސިއްހަތަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.
"ވަކިން ހާއްސަކޮށް ގާއިމީ ބަލިތަކަށް ބޭސްފަރުވާކުރާ މީހުންނާއި، މާބަނޑުމީހުން އަދި ގާތުންކިރުދޭ މައިންނަށް މީގެ ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރަމެވެ." އެމްއެފްޑީއޭގެ ބަޔާނުގައިވެއެވެ.
އެގޮތަށް މައުލޫމާތު އެކި މަންސަތަކުގައި ދައުރުކުރުމަކީ އެ އޮތޯރިޓީގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން އިޝްތިހާރުކަމުގައި ބެލެވޭނެ ކަމަށެވެ.
"މިގޮތުން ސިއްހަތަށް ވަކި ފައިދާއެއް ކުރާނެކަމަށް ނުވަތަ އެކިއެކި ބަލިބަލީގެ ފަރުވާއަށް ރަނގަޅުވާނެ ކަމަށް ދޭހަވާގޮތަށް ކާބޯތަކެތި އިޝްތިހާރު ކުރުމަކީ މަނާކަމެކެވެ. އަދި ކާބޯތަކެއްޗަކީ، ވަކި ފެންވަރެއްގެ ނުވަތަ ވަކި ހާއްސަ ސިފައެއްގެ އެއްޗެއްކަމަށް ދޭހަވާގޮތަށް ހަގީގަތާއި ހިލާފަށް ނުވަތަ ހަގީގަތް އޮޅޭނެ ފަދަ ގޮތަކަށް އިޝްތިހާރު ކުރުމަކީ ވެސް މި ގަވާއިދު ގެ ދަށުން މަނާކަމެކެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެން ކަމުން ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދާ އެއްގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަށް ވަނީ އަންގައިފައެވެ. އަދި ސާބިތު ނުހިފޭ މައުލޫމާތު ހިމެނޭ ކާބޯތަކެތި ބޭނުން ކުރުމުގެ ބަދަލުގައި މިންހެޔޮކޮށް ކެއުމާއި ކެއުމުގައި ލޮނާއިހަކުރު މަދުކުރުމާއި އާދަވެ ކަސްރަތު ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އާއިޝަތު މާހާ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
ކޮމެންޓް