އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ 'ބިގް ބޮސް' ގެ ކުރިއަށް އޮތް ސީޒަން ހުށަހަޅަން ބޮލީވުޑްގެ ތަރި ސަލްމާން ހާން އެނބުރި އަންނަކަން އެ ޝޯގެ ޕްރޮޑިއުސަރުން ކަށަވަރުކޮށްދީފިއެވެ. ޝޯ އުފައްދާ ފަރާތުން ވަނީ ސޯޝަލް މީޑިއާގައި އާ ސީޒަންގެ ރަސްމީ ލޯގޯ އާންމުކޮށް، ސަލްމާން ހާން އެނބުރި އަންނަކަން އިއުލާނުކޮށްފައެވެ.

ކަލާސް ޓީވީ އަދި ޖިއޯ ހޮޓްސްޓާ ގުޅިގެން އާންމުކުރި ޕޯސްޓެއްގައި ދައްކައިފައިވަނީ ބިގް ބޮސްގެ އާންމު ލޯގޯ ކަމަށްވާ ލޮލުގެ އާ ފަރުމާއެކެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފަހަރުގެ ލޯގޯ ފަރުމާކޮށްފައިވަނީ ގިނަ ކުލަތަކެއް ހިމެނޭ ގޮތަށެވެ. މިއީ ބިގް ބޮސްގެ 20 ވަނަ ސީޒަން ކަމަށްވާއިރު، މިއީ ޝޯގެ ތާރީހުގައި މުހިންމު ސީޒަނެއް ކަމަށް ޕްރޮޑިއުސަރުން ބުނެފައިވެއެވެ. މީގެ އިތުރުން، މި ފަހަރުގެ "ވަރަށް އަވަހަށް" ޝޯ ފަށާނެކަން ވަނީ ބުނެފައެވެ.

ޝޯގެ ހޯސްޓް އަދި އާ ލޯގޯ ކަށަވަރުކޮށްފައިވީ ނަމަވެސް، ޝޯ ދައްކަން ފަށާނެ ރަސްމީ ތާރީހެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، މި ފަހަރުގެ ސީޒަނުގައި ބައިވެރިވާނެ ތަރިންގެ ފައިނަލް ލިސްޓު ވެސް ޕްރޮޑަކްޝަން ޓީމުން އަދި އާންމުކޮށްފައެއް ނުވެއެވެ.