އޮރިޔާން ކާޑު ހުރި ކަމަށް ބުނެ ބްލެކްމެއިލްކޮށްގެން ތިން ލައްކަ ރުފިޔާއަށް ވުރެ ގިނަ ފައިސާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މިދިޔަ އަހަރު ހައްޔަރު ކުރި މީހާގެ މައްސަލަ، ސުޕްރީމް ކޯޓުގައި ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ، ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒު ލުތުފީއެވެ. ދިވެހި ފިރިހެނަކަށް އޮރިޔާން ކާޑު ހުރިކަމަށް ބުނެ ބިރުދައްކައި، އެކި ދުވަސްމަތިން ގިނަ އަދަދެއްގެ ފައިސާ އަތުލި މައްސަލަ ފުލުހުންނަށް ހުށަހެޅީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ދައުލަތުން ވަނީ ފަވާޒު މައްޗަށް ބްލެކްމެއިލް ކުރުމުގެ ދައުވާ އުފުލައިފައެވެ.

މި މައްސަލައިގެ އިބްތިދާއީ މަރުހަލައިގައި، މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް މިދިޔަ އޭޕްރީލް މަހު ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

ދައުލަތުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ. ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ރައުޔު ތަފާތުވުންތަކެއް ހުރި ނަމަވެސް، މެޖޯރިޓީ ރައުޔަކީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެގޮތުން، އިސްފަނޑިޔާރު އަބްދުﷲ ޖަމީލް އާއި ފަނޑިޔާރު އިސްމާއީލް ޝަފީއު ވަނީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމަވައިފައެވެ. ނަމަވެސް ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ރައުޔަކީ ދަށު ކޯޓުގެ ނިންމުން ބާތިލު ކުރަން ޖެހޭނެ ކަމަށެވެ.

ހައިކޯޓުގެ ނިންމުމާއެކު ދައުލަތުން އެ މައްސަލަ އެންމެ ފަހުން ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.

މިހާރު އެ ކޯޓުގައި މައްސަލައިގެ އަޑުއެހުންތައް ފަށާފައިވާ އިރު، މި އަޑުއެހުންތައް ކުރިއަށްދަނީ އާންމުކޮށް ހުޅުވާލައިގެނެއް ނޫނެވެ. ސްްޕްރީމް ކޯޓުގެ ވެބްސައިޓުގައިވާ ގޮތުން ފުރަތަމަ އަޑުއެހުން ބާއްވާވައިފައި ވަނީ އިއްޔެ ހެނދުނު 10:30 ގައެވެ.

އެ މައްސަލަ ސްޕްރީމް ކޯޓުގައި ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ.