އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި، އެ ގައުމުގެ މެމްބާ އޮފް ޕާލަމެންޓް، ދަ ރައިޓް އޮނަރަބަލް އެންޑްރޫ ބާނަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ވަނީ، އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރާ މަތިކުރެވުނު އާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައި ކަމަށެވެ.

ރައީސްގެ ސިޓީފުޅުގައި، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ޒަމާންވީ ތާރީހީ ރަހުމަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ގުޅުމަކީ ޑިމޮކްރެޓިކް އުސޫލުތައް ނެގެހެއްޓުމާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ރައީސް ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދިވެހި ސަރުކާރުން މި ދޭދޭ ގުޅުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވާކަންވެސް ބަޔާންކުރައްވާފައިވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

ފާއިތުވީ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީގައި އިނގިރޭސިވިލާތުން ވެދީފައިވާ މުހިންމު އެހީތެރިކަމާއި ހިއްސާ ފާހަގަކުރައްވައި، ރައީސް ވަނީ އެ ގައުމަށް ޝުކުރު އަދާކުރައްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ދެ ގައުމުގެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބޮޑުވަޒީރު އެންޑްރޫ ބާނަމާއެކު ގާތުން މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ފާޅުކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ދެ ގައުމުގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭނެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި، ކުރިއަށް އޮތް ތަނުގައި ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް އުންމީދުކުރައްވާ ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ ސިޓީފުޅު ނިންމަވާލައްވާފައިވަނީ، ބޮޑުވަޒީރު އެންޑްރޫ ބާނަމަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުންކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އިނގިރޭސިވިލާތުގެ އެކުވެރި ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހަޔާއި ކުރިއެރުމަށް އެދިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ.