ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ގެވެށި އަނިޔާގެ 236 މައްސަލައެއް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ސީދާ އެ އޮތޯރިޓީއަށް ހުށަހެޅުނު މައްސަލަތަކާއި އެހެނިހެން މުއައްސަސާތައް މެދުވެރިކޮށް ރިޕޯޓުކުރި މައްސަލަތަކާ އެކު ޖުމްލަ 236 މައްސަލައެއް ވަނީ ރެކޯޑު ކުރެވިފައެވެ. އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ރިފަރަލްތަކުގެ ޖުމްލަ އަދަދު 258 އަށް އަރައެވެ.

މި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާ ކުރުމެވެ. މީގެ އިތުރުން ބިރުދެއްކުމާއި ޖިސްމާނީ ގޮތުން އަނިޔާކުރުމުގެ މައްސަލަތައްވެސް ހިމެނެއެވެ.

ގެވެށި އަނިޔާގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މުޅި ރާއްޖެއިން ހުށަހެޅުނު މައްސަލަތަކުގެ 59.3 ޕަސަންޓު މައްސަލަ ހުށަހަޅާފައި ވަނީ މާލެ ސަރަހައްދުގެ މުއައްސަސާތަކަށެވެ. މާލޭގެ އިތުރުން ށ. އަތޮޅާއި ހދ. އަތޮޅުން ވެސް މިފަދަ މައްސަލަތައް ރިޕޯޓުކުރެވޭ މިންވަރު އިތުރުކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވި މީހުންގެ ތެރޭގައި އަންހެނުންގެ ނިސްބަތް ބޮޑުކަން ތަފާސްހިސާބުތަކުން ދަށްކައެވެ. އެގޮތުން، އަނިޔާ ލިބުނު 281 މީހުންގެ ތެރެއިން 208 މީހުންނަކީ އަންހެނުންނެވެ. އަދި ފިރިހެނުންގެ ގޮތުގައި 73 މީހަކު ހިމެނެއެވެ. އުމުރުފުރާއަށް ބަލާއިރު، އޭގެ ތެރޭގައި 18 އަހަރުން މަތީގެ 170 މީހަކު ހިމެނޭއިރު، 18 އަހަރުން ދަށުގެ 38 ކުޑަކުދިން ވެސް ހިމެނެއެވެ.

ގެވެށި އަނިޔާއާ ދެކޮޅަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމާއި، މުޖުތަމައު ހޭލުންތެރިކުރުމަށްޓަކައި ތަފާތު އެކި ހަރަކާތްތައް އެ އޮތޯރިޓީން ކުރިއަށް ގެންދެއެވެ.